18 ޖަނަވަރީ 2025

މާފުށީ ޖަލަށް ތަކެތިވެއްދުން ހުއްޓުވަން މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމާއި، އޮޅުވާލައިގެން ފައިސާ ފޭރުން ހުއްޓުވުމަށް މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާކަމަށާއި، ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއްވެސް ޤާއިމްކުރާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ވަޒީރު ވިދާޅުވީ، އެކަން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެފަދަ ކޯލްތައް ހުއްޓުވުމަށް މާފުށީ ޖަލުގައި 2 މެޓަލް ޑިޓެކްޓަރު މިދިޔަ ހަފްތާގައި ހަރުކޮށްފައިވާކަމަށާއި، ކުރިއަށް އޮތް މަހުގެ ތެރޭގައި ހަށިގަނޑު ސްކޭންކުރާ ނުވަތަ ބޮޑީ ސްކޭނިންގ މެޝިނެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާކަމށެވެ. މިއީ މި މައްސަލަ ޙައްލުކުރުމަށް އެޅޭނެ ވަރަށް ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން ފޯނު ވައްދައިގެން ސްކޭމް ކޯލްކުރާކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސްކޭމް ކޯލްތައް ހުއްޓުވުމަށް ހޭލުންތެރިކުރުވުމުގެ މުހިންމުކަމަށާއި، ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެންމެ މުހިންމީ އަވަސް ފިޔަވަޅުތަކެއް އެޅުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއަށްމިހާރު އަޅުގަނޑުމެން ޕްރޮޓޮކޯލްސްތައް ހަދަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިމައްސަލަވެސް ވަރަށް އަވަސްކަމާއެކު ކުރިއަށްއޮތްތަނުގައި ހައްލުކުރާނަން. ނަމަވެސް ދުނިޔޭގެ އެންމެ ޓްރެންޑިން އެއް ކްރައިމް އެއީ ސައިބަރ ކްރައިމްއަކީ. މިކަމަށް ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ރައީސްގެ ގަރާރަކުން އެވަނީ އުފައްދަވާފައި. އެތަނަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެހެންވީމަ އެ އެޖެންސީ ހެދުނީމަ ޕްރިވެންޝަން ސައިޑުންވެސް އަދި އަޅުގަނޑުމެން އޮފެންސަށް އަންނައިރުގަ އެޑިފެންސް ކުރެވޭނެ ކަންތައްވެސް ފަސޭހައިން ކުރެވޭނެ." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021ވަނަ އަހަރުން ފެށިގެން ސްކޭމްގެ މައްސަލަތަކާ ގުޅޭ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން، މިއަހަރުގެ ޖެނުއަރީއާ ހަމައަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 28،003 މައްސަލަ ހުށައަޅާފައިވެއެވެ. މި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޖުމްލަ 57 މިލިއަނުން މައްޗަށް އަރައެވެ. މީގެތެރޭގައި 64 ލައްކަ ޑޮލަރުވެސް ހިމެނެއެވެ.

ސްކޭމްގެ މައްސަލަތައް އަވަހަށް ދެނެގަނެ، މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ޙައްލުކުރުމަށް "ސްކޭމް ސެންޓަރ" މިއަހަރު ޤާއިމްކުރެވޭނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު