އިންޑިއާގެ ސިފައިންކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރު ކުރަމުންދާ ވީޑިއޯތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައިފިއެވެ.
މި ދެ ދުވަހަކު ވަނީ ޔުނިފޯމު އެޅި އޮފިސަރުންތަކެއްގެ ވާހަކަ ފެންމަތިވެފައެވެ. އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފްއިން މީޑިއާތަކަށް ވިދާޅުވެފައި ވަނީ ދައުރު ކުރާ ވީޑިއޯގައި ފެންނަނީ ލަންކާގެ ޓްރެއިނިން އިންސްޓްރަކްޓަރުން ކަމަށެވެ. އަދި އެ މީހުން ރާއްޖެ އައީ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ޓްރެއިނިންއަށްކަމަށް މައުލޫމާތުދިނެވެ.
އެ ވީޑީއޯ ދައުރުކޮށް، ބައެއް އާންމުން ދަނީ ސަރުކާރުން ސިފައިން ފޮނުވާލިކަމަށް ބުނެ ރައްޔިތުންނަށް ދިނީ ދޮގު މައުލޫމާތެއްކަމަށް ބުނެފައެވެ. އެކަމަކު އެ ތުހުމަތުތައް ސަރުކާރާއި، އެމްއެންޑީއެފް ވަނީ ދޮގުކޮށްފައެވެ.
އެފަދަ ތުހުމަތުތަކަށް ރައީސް މުއިއްޒު ވިދާޅުވީ، ކުއްލަ ހެދުމުގައި ނުވަތަ އެހެން އެއްވެސް ސިފައެއްގައި ވެސް ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ރާއްޖޭގައި ތިބުމުގެ ޖާގަ ދިވެހި ސަރުކާރުން ނުދޭނެކަމަށެވެ.