ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ޑްރަގް އެންފޯސްމެންޓަށް ވަކިން ޑިޕާޓްމެންޓެއް ހެދިފައިވާ ކަމަށާއި އަދި ގޭންގް ކުށްތަކަށްވެސް ހާއްސަ ޑިޕާޓްމެންޓެން ވަކިން ހެދިފައިވާ ކަމަށެވެ. މިގޮތަށް ހަދައިގެން 24 ގަޑިއިރު އެކަމަށް ހާއްސަ ބަޔަކު ތިބުމުން އެކަމަށް ދޭ އަހައްމިއްޔަތުކަން އިތުރުވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ރިހެބިލިޓޭޝަން ފަރުވާގެ ހިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަވާއިރު ރާއްޖެއިން ބޭރުގެ ޕްރޮޕޯޒަލްތައްވެސް ސަރުކާރަށް ލިބުނު ކަމަށާއި އެ ޕްރޮޕޯޒަލްތަކަށް ނެގޯޝިއޭޓް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕްރޮޕޯޒަލްތަކަށް ބަލާއިރު ދިވެހިންނަށް އެވްރެޖްކޮށް އެފޯޑް ކުރެވޭވަރަށްވުރެ އެމީހުންގެ އަގުތައް ތަންކޮޅެއް ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މަސްތުވާތަަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ މީހުންނަކީ އެހާ ފޯރުންތެރިކަން ނެތް ބަޔަކަށްވުމުން އެ ނުކުތާއަށް ގެނެވޭނެ ހައްލަކީ ކޮބާ ކަމާއި ދޭތެރޭ މިނިސްޓްރީން ވިސްނިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިނިސްޓްރީގެ ބަޖެޓުން ނުވަތަ އާސަންދަ ކަހަލަ ފަރުވާ ދޭ މެކޭނިޒަމެއް މެދުވެރިކޮށްވެސް މިއީ އޮޕްޝަނެއްތޯ މިހާރު ބަލަމުން މި ދަނީ. މެެލޭޝިއާގައި އަޅުގަނޑުމެންނާއި ހަމައަށް އައިސްފައި މިވާ ކުންފުންޏަކީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ރިހެބިލިޓޭޝަނަށްޓަކައި އެމީހުންގެ ސެންޓަރުތަކަަށް މިހާރުވެސް އެޕްލައި ކުރާ ތަނެއް. އަޅުގަނޑު އުންމީދުކުރަން ކައިރި މުސްތަގްބަލެއްގައި މިކަމުގެ ޕްރެޓިކަލް ފުޓްޕްރިންޓް އެމީހުންގެ ހިދުމަތް ރާއްޖެއަށް ލިބިގެންދާނެކަން." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒުތައް ގާއިމު ކުރުމަށް ނިންމާފައިވަނީ ކ. ކާށިދޫ އާއި ނ. ވެލިދޫ އަދި ލ. ގަމުގައެވެ.