"އެޖެންޑާ 19″ ގެ ނަމުގައި އެމްޑީޕީން ކުރި ކަންކަމުން ރާއްޖެ ވެއްޓުނީ އިގްތިސާދީ އަނދަވަޅަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކު ނިމިދިޔަ ދައުރުގައި އެމްޑީޕީން ވެރިކަން ކުރީ ރައްޔިތުންނަށް އުއްމީދީ ވައުދުތަކެއް ވެގެންނަމަވެސް އެ ވައުދުތައް ފުއްދިފައިނުވާ ކަމަށާއި "އެޖެންޑާ 19″ ގެ ނަމުގައި އެމްޑީޕީން ކުރި ކަންކަމުން ރާއްޖެ ވެއްޓުނީ އިގްތިސާދީ އަނދަވަޅަކަށްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރުވެސް އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވައި މަޖލީހުގެ ކޮމިޓީތަކަށާއި ކޯޓަށްވެސް ހާޒިރުކުރިވިކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެ ތަހުގީގުތަކާއި ޝަރީއަތްތަކުންވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޤައުމަށް އިހުލާސްތެރި، ތެދުވެރި، ވަފާތެރި ބޭފުޅެއްކަން ހާމަވެގެންދިޔަކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މިއަދު އެ މަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރާއި އެމަނިކުފާނުގެ ކެބިނެޓާއި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ބޮލުގައި އަޅުވަމުންދާ ބަދުނާމުތަކާ ގުޅިގެން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިގްތިޞާދު ބަލިކަށިވެފައިވާކަމަށާއި، އެމްޑީޕީ ސަރުކާރުން އޮތީ ދަޢުލަތް ބަނގުރޫޓުކޮށްފައިކަމަށެވެ. އެއާއެކު ޕީއެންސީއަށް ވެރިކަން ނުލިބުނުނަމަ ޤައުމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"މިއަދު މިކުރާ ކަމަކީ ހަގީގަތުގައި އެ ބޭފުޅުން ކޮށްފައިހުރި ވައްކަމާއި ހިނގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި ހިންގާފައި ހުރި ޖަރީމާތައް ދިވެހި ރައްޔިތުންނަށް ފޮރުވުމަށްޓަކައި އެކަންކަމަށް ފަސްއަޅައި ސިޔާސީ ވަރަށް މޮޅު ދަންތުރެއްގަ މި ޖައްސަނީ" ފަލާހު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފައިސާ ޗާޕުކުރިއިރު އެއީ ވަގުތީ ހައްލެއް ކަމަށާއި އެގޮތަށް މިހާރުވެސް ޤައުމު ހިންގާނަމަ ޑޮލަރާއި ކާބޯތަކެތީގެ އަގު އުފުލި އިންފްލޭޝަން ބޮޑުތަނުން އަރައިގެންދާނެކަންވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފާހަގަކުރެއްވިއެވެ.