ރާއްޖޭގައި 2018-2023 އަށް ވެރިކަން ކުރި މިހާރުގެ މައި އިދިކޮޅު ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ހިނގާފައިވާ ކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނަމަ މޫނަށް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ގާއިމުކޮށް ރޭ އެތަން ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ކުރީގެ ސަރުކާރުން އެކި އެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާފަ, އަޅުއްވަން ޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއެއް ނުބައްލަވާ, ފިޔަވަޅު އަޅާނަން," ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަނާއި, ވައްކަން އަދި ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ނަމަވެސް އަދުލު އިންސާފު ގާއިމުކުރާނަން. ވައްކަމަކަށް ފުރުސަތެއް ނޯންނާނެ. އެކަން ކުރާ މީހަކު ހެއްކާއެކު އަޅުގަނޑު ކުރިމައްޗަށް މިހާރު ގެނަޔަސް އިސްވެ ފިޔަވަޅު އަޅާނަން އަޅުގަނޑު އެ މީހަކާ ދެކޮޅަށް," ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބައްލަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވަނިކޮށް ރައީސް ޔާމީންވެސް ވަނީ މިރޭ އެ މައްސަަލަތައް ބެލުމަށް މި ސަރުކާރަށް ގޮވާލައްވާފައެވެ.
ޕީއެންފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުގައި ތިބި ބޭފުޅުންނަކީ ވެރިކަމަށް އަައުމުގެ ކުރިން ކުރީ ސަރުކާރުން ހިންގި ކޮރަޕްޝަނުގެ ވާހަކަ ދެއްކެވި ބޭފުޅުން ކަމަށާއި މިހާރު އެކަންކަން ބަލައި ނުވަތަ ހައްލު ކުރަން މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށެވެ.
ޔާމީން ވިދާޅުވީ، އޭރު އެމަނިކުފާނު ވެސް ހިމެނޭ ގޮތަށް އިދިކޮޅުގައި އެ ޕާޓީން ތިބިއިރު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ވާހަކަތައް ދައްކަން އުނދަގުލެއް ނުވާ ކަމަށެވެ. ނަމަވެސް މިއަދު ވެގެން އުޅޭ ގޮތް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
އެފަދަ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި ސަރުކާރު ހިންގަން މަދުވެގެން އުޅޭ ފައިސާ ހޯދުމަށްޓަކައި ވެސް އެކަންކަން ބަލަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަކީ ރާއްޖޭގެ ރައީސަކު ޒިންމާދާރު ކަމާއި އެކީ ގައުމު ހިންގާ ކަމަށް ވަންޏާ ބަލަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ގައުމީ ބޮޑެތި މައްސަލަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކަމާއި އެކީ ވެރިކަން ކުރާ ކަމަށް ވަންޏާ މިސާލު ދައްކައިގެން ވެރިކަން ކުރަން ވާނީ. އެހެން ވެއްޖެއްޔާ އެއީ ކުރަން ޖެހޭ ކަމެއް އެއީ، ކުރީގެ ސަރުކާރުތަކުން ކޮރަޕްޝަން ހިންގާފައި ހުރިއްޔާ އެއީ ރައްޔިތުންގެ ފައިސާއޭ. އެއީ ވަކި މީހެއްގެ ފައިސާއެއް ނޫން. އެ ފައިސާ ހޯދަން މަސައްކަތް ކުރަން ވާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.