މަނަދޫ އަޒީގެ ޅެންހާރު: ސުވާލަކީ….!

ރީތިއުޅުމާ ރީތިގޮތްތައް ގެއްލިދިޔައީ ކީއްވެހޭ؟
މީގެ އިދިކޮޅު ޙީލަތާ މަކަރާ މި ގިނަވީ ކީއްވެހޭ؟
މާތަކެއް އެކުވެރިކަމުގެ ފޮޅުވާލި ނަލަ ގުލްޝަންތަކަށް
ޒާތަކަށް ފިޔަ ގުރުޑުވާ ބައްޔެއް މިޖެހުނީ ކީއްވެހޭ؟
އޮށްތަކުން ރަޙްމާއި އޯގާތެރިކަމުގެފެޅި ގަސްތަކަށް
ކޮށްލި ގޯނާއެއްގެ ސަބަބުން މަރުވެދިޔައީ ކީއްވެހޭ؟
މަދަދުވެރިކަން އެކުލެވޭ ދީލަތިކަމުގެ އަތްތިލަތަކަށް
އަދު އެހައި ހަރުކަށިކަމެއް ލިބިގެންމިއުޅެނީ ކީއްވެހޭ؟
ޞުލްޙަ މަސަލަސްކަން ހިފައިގެން ދަތުރުކުރި ފިނިރޯޅިތައް
ޞުލްޙަޔާ އިދިކޮޅުހަދައި ހޯބޯއެލަވަނީ ކީއްވެހޭ؟
ޚުލްޤުހެޔޮ ހިތްތަކުގެ ޢުމްޤުން އުފެދި އައިހާ ރާގުތައް
ޒުލްމުވެރި ބިރުވެރިވި އަޑަކަށްގޮސް ބަދަލުވީ ކީއްވެހޭ؟
އަޚްކަމާ އަޚްވަންތަކަން އުފުލާލި އުސް ކިއްލާތަކުން
ފަޚްރަކަށްދެކިގެން އެ ޖެހިބެރު ހުށްޓުނީއޭ ކީއްވެހޭ؟
ދިވެހި އާދަތަކާ ސަގާފަތް އެކުލެވޭ ފަރިފަރި ޗަމަން
ދިވެހި ބިމުގައި މިފަދަ ހީނަރުވާން މިޖެހުނީ ކީއްވެހޭ؟
ހުޅުވުމުން ދޮރުތައް ސިޔާސީ އެތެރެއަށް ވަނުމާއެކީ
އުޅުނުގޮތް އިހު ފަސްއެނބުރި ޓާޓާ ކިޔާލީ ކީއްވެހޭ؟

19 ޖޫން 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *