7 ޑިސެންބަރު 2024

މަނަދޫ އަޒީގެ ޅެންހާރު: ހަރުބަސް

ހޯދާ ބަލައިނުލާ ނުކުރައްޗޭ ކަމެއް ކޮޔާ
ރޯގޯހަކަށް ވެދާނެޔެ އެކަމެއް ފަހުން ކޮޔާ
ވައިބާރުމޫސުމެއްގައި ގައިބާރު ހުށްޓަކަސް
ވައިމަތި ބަލާނުލައި ނުފުރައްޗޭ ކަނޑަށް ކޮޔާ
ކުޅަދާނަކަން ވިޔަސްލިބި ނުހަފާނެޔޭ ހިތައި
ކުޅަދުރު ހަތާ ދަށަށްލެފި ނޫކައްޗެ ގައު ކޮޔާ
ރަނގަޅަށް ނުފިރުކެވޭނަމަ އިސްކޮޅުނުކާފަށަށް
ރަނގަޅަސް ތިމާގެ ބުންވަރު ނޭރެއްޗެހުރެ ކޮޔާ
ބާރެއްކިތަންމެ އެރިޔަސް އަތުއޮތް ނަނުގެ މުގޫ
ވާނޭގޮތެއްވެ ނުދަނީސް ނުކުރައްޗެ ދޫ ކޮޔާ
މަޖަލެއްކަމަށްހަދާފައި ފަންހާމަހެއް އަތުން
ނުޖަހާނެޔޭ ހިތާ ކަށި ނުހިފައްޗެ ހަމަ ކޮޔާ
ވައިމަޑުވެފައި އޮތަސްވެސް ދަށްރާޅު ބޮޑުއިރަށް
މައިތޮށިވަތާއި ގާތަށް ނުލަފައްޗެ އޮޑި ކޮޔާ
ބާރެއްކިތަންމެ ލިބުނަސް މީހެއްގެ ޙައްޤަކަށް
ވާނޭމޮޅެއް ހިތައިގެން ނާރައްޗެ އޭ! ކޮޔާ
ދުނިޔޭގެ ދަޅަތަކަށް ލެނބި މީހާގެ އާޚިރަތް
ކުނިބުނިގޮތަށް ނުދޫކޮށްލައްޗޭ މަގޭ ކޮޔާ

20 ޖޫން 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ
* ކޮއި' ކޮޔާ' އެކޮއި މިއީ މިހިސާބުގެ ރަށްތަކުގައި ދެޖިންސުގެ ކުދިންނަށްވެސް ލޯބިންކިޔާ އުޅޭ ގޮތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *