މަނަދޫ އަޒީގެ ޅެންހާރު: މަރްޙޫމް މުޙަންމަދު ޢާރިފް (ބަކާ)ގެ ޛިކްރާ

*ރާގު: އޭކުމޭހޫން އޭކުމޭރީ ބޭގަސީކީ ސާމުހޭ….
ދިވެހި:(ދޭހުގައި ހިނގަމުންމިދާ)

ވަކިވެގެންދިޔުމުން ބަކާ މުޅިޤައުމު އަދު ރޮއްވައިފިޔޭ
ވަކިނުވާނެ ހަނދާންތަކުން ހިތްތައްއެކީ ފުރުވައިފިޔޭ
މާތްވި ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އައުމާއެކު ރަށަށް 2
މާތް އިލާހުގެ حضرةއަށް އެ ފުރާނަ އުދުހި ހިގެއްޖެޔޭ
މިސްކިތާ ގުޅިފައިއެވާހިތް މީހުނާހުރި ގާތްކަމުން 2
އިސްކަމާއެކު ހިތްތަކުންވީ ޖާގައެއް ހޯދާފަޔޭ
ދުއްލިސާއެއްފަދަ މި ޤައުމަށް ކުޅިވަރުން އަލިކަން ގެނައި 2
ކުއްލިވަކިވުން ޢާރިފުގެ ޤައުމަށް ސިހުން ގެނުވައިފިޔޭ
ޚާއްޞަކޮށް ފުޓްބޯޅަޔަށް ކުރި ފަނޑުނުވާނޭ ޚިދްމަތުން 2
ޚާއްޞަ ޤަދަރާ ޝަރަފަކާ ޤައުމުންވަނީ ލިބިދީފަޔޭ
ހެޔޮލަފާ ދީންވެރި ބަކާގެ ހަނދާންތަކުން މުޅި ޤައުމުގައި 2
ހެޔޮދުޢާޔާ ހެޔޮ އެދުންތައް އަދުވަނީ ގުގުމާފަޔޭ
އެންމެފަހު ވަގުތާޖެހެންދެން ދީނުގައި ސާބިތުވުމުން 2
އެންމެ އިސްކަމަކީ އެއީކަން ސާފުކޮށް އެނގިގެންދެޔޭ
ފެތުރުމަށް ދީން ކުރިމަސައްކަތް އެކިރޮނގުން ޚާލިޞް ހިތުން 2
ފެތުރިގޮސް މުޅި މީޑިޔާގައި މިއަދު ޢާއްމުވެފައިވެޔޭ
ކުޅިވަރުގެ ދަނޑުގައިވިޔަސް ދިނުމުން ނަމާދަށް އިސްކަމެއް 2
ކުޅިވަރުގެ މުޅިޢާއިލާ އެކަމަށް ފަޚްރުވެރި ވެސްވެޔޭ
އަސަރުތައް ހިތްތަކުގެ ފުނުގައި އުފެދިފައިވާ އެކިގޮތައް 2
އަސަރުގަދަ އެކިއެކި ޝުޢޫރުން ފާޅުކުރަމުން އެބަދެޔޭ
ސާފުޠާހިރު ހިތްތަކަށް ދުނިޔޭން ލިބޭނެ ނަސީބަކީ 2
ސާފުޠާހިރުކަންމަތީ ދުނިޔޭން ވަކިވެ ދިޔައުން މެޔޭ
ޖަންނަތުލް ފިރްދައުސުގައި އެ ފުރާނަ މަތިވެރިލައްވަވައި 2
ޖަންނަތުގެ ރަޙްމަތް ލިބުންމީ މުޅި ޤައުމުގެ ދުޢާމެޔޭ

26 ޖޫން 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *