ޓެކްސް ރިވިއު ކުރުމަކީ އަދި ޓެކްސް ބޮޑުކުުރުމެއްވެސް ނޫން ކަމަށާއި، ޓެކްސް ނިޒާމު ރިވިއުކުރަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ލަފާދީފައިވާކަމެއްކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޓެކްސް ބޮޑުކުރަން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުންނެވެ.
މާލީ ވަޒީރު ވިދާޅުވީ ސަރުކާރުން ޓެކްސް ރޭޓު މުރާޖާ ކުރަން ނިންމާފައިވަނީ ވޯލްޑް ބޭންކް އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން އެގޮތަށް ލަފާދީފައިވާތީކަމަށެވެ.
ޓެކްސް މުރާޖާ ކުރުމުން ޤައުމުގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާއެކު ބޮޑު ކުރަން ޖެހޭތޯ ނުވަތަ އިތުރަށް ތެކްސް ކުޑަ ކުރަން ޖެހޭތޯ އެނގިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން މުރާޖާކުރަން ހުށަހަޅާފައިވާ ޓެކުހުގެ ތެރޭގައި ޓެލެކޮމް އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ނަގާ ފީއާއި، ރިސޯޓް ކުއްޔާއި ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިމުކުލިފަދަ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން ދުންފަތާއި، ރަލާއި އޫރުމަސް ފަދަ ޚާއްޞަ ބާވަތްތަކުން ނަގާ ޓެކްސް މުރާޖާކުރުންވެސް ހިމެނެއެވެ.
"ރިވިއު ކުރުމަކީ ބޮޑު ކުރުމެއްވެސް ނޫން އަދި ކުޑަކުރުމެއްވެސް ނޫން. ރިވިއު ކުރީމަ އެނގޭނީ މިހާރު ނަގަނީ އެންމެ ރަނގަޅު ޢަދަދުތޯ. މިހާރު ޓެކްސް އިންޓްރޮޑިއުސްކޮށްފައި ހުރީމަ އިޤްތިޞާދަށް ކުރާ އަސަރު ބަލަން ޖެހޭ. " މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ ސަބަބުން ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށްޓަވާފައެވެ. އެގޮތުން މިއަހަރު ކުރީކޮޅުން ފެށިގެން ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފަށާފައިވާއިރު، މިހާތަނަށްވެސް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.



