ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުހަބާ ކިޔައި، ޝުކުރު އަދާކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސަށް ޝުކުރު އަދާކޮށްފައިވަނީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ޚަރަދު ކުޑަކުރެއްވުމަށް އެމަނިކުފާނު ފިޔަވަޅުތައް އަޅުއްވަން ފައްޓަވާފައިވާކަން ހާމަކުރެއްވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ރާއްޖެ ވެއްޓިފައިވާ އިޤްތިސާދީ އަނދަވަޅުން އަރައިގަނެ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައި އެކަން އިއުލާން ކުރެއްވީތީ ޝުކުރު އަދާކުރާ ކަމަށާއި އެމަނިކުފާނު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ރައްޔިތުންނަށް އޭގެ ސަބަބުން މާބޮޑު ނޭދެވޭ އަސަރެއް ކުރާނެ ފިޔަވަޅުތަކަށް ނުވާނެކަން އެ ކޯލިޝަނުން ފާހަގަކުރެއްވިއެވެ.
އެ ބަޔާނުގައި ވަނީ ރައީސް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ޤައުމީ ވިސްނުމަކުން އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމުގައި އެމަނިކުފާނާއެކު އެ ކޯލިޝަން ސާބިތުވެ ތިބޭކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި:
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ނިންމަވައިފި