އިމިގްރޭޝަނާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކެޓުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އާއްމުގޮތެއްގައި ބިދޭސީން އެންމެ ގިނަ އަދަދަކަށް ފެންނަ އެއް ތަނަކީ މާރުކޭޓުތަކެވެ. ގޮޅިތަކުގައި ވެސް ގިނައިން މަސައްކަތް ކުރަނީ ބިދޭސީންނެވެ. ނަމަވެސް އުސޫލު ބުނާގޮތުން ބިދޭސީންނަށް ސޭޓުންގެ ގޮތުގައި ނުތިބެވޭނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި، އެފަދަ ބިދޭސީން ދެނެގަތުމަށް ފަހު ފުލުހުން އެ ބިދޭސީން ހަވާލު ކުރާނީ އިމިގްރޭޝަނާ ކަމަށެވެ.
މިއަދުގެ އޮޕަރޭޝަންގައި މާރުކޭޓުތަކުން އެއްވެސް ބިދޭސީއަކު ހައްޔަރު ނުކުރާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އަންހެނުން ހޯދުމަށް މެއި މަހު ފަހުކޮޅު ވެސް އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ ފަހަރު އިމިގްރޭޝަންގެ ޤާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނެގިއެވެ.
ރާއްޖެއަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވާ މައްސަލަ ބޮޑުވެފައިވަނިކޮށް، މި މައްސަލަ ހައްލުކުރަން ހޯމް މިނިސްޓްރީން ވެސް ވަނީ 'އޮޕަރޭޝަން ކުރަނގި' ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.