ރާއްޖޭގެ ކުޅިވަރު ދާއިރާގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ކުޅިވަރު ކަވަރުކުރާ މީޑިއާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
ސްޕޯޓްސް އެވޯޑް ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް، ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާއިއެކު ހަފްލާ އެންމެ ފުރިހަމައަށް ބާއްވަން ބޭނުންވާތީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ އަންނަ މަހު ހަތަރަކަށް ފަސްކޮށްފައެވެ.
ސްޕޯޓްސް އެވޯޑް ހަފްލާ ބޭއްވުން މުއްދަތެއް ނެތް ގޮތަށް ދެވަނަ ފަހަރަށް ފަސްކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ކުޅިވަރާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ސްޕޯޓްސް އެވޯޑް ފަސްކުރިކަމުގައިވިޔަސް، ޔަގީނުންވެސް މިއަހަރުތެރޭ ބާއްވާނެއެވެ. އަދި ބެލެވޭ ގޮތުގައ،ި މި ފެށޭ ހަފްތާ ތެރޭގައި ތާރީޚެއް އާއްމުކުރާނެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.