ދިވެހިން، ސިޔާސީ ހަލަބޮލިކަމުގެ ވިސްނުމުން ދުރުވެ، ގައުމަށް ހަމަޖެހުން ގެންނަށް ޖެހޭ ކަމަށް ކުރީ ސަރުކާރުގައި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރުކަން ކުރެއްވި އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.
“ދުނިޔެ، ފަނާކުރަނިވި ހަނގުރާމައެއްގެ ކަޅުވިލާގަނޑެއްގެ ދަށަށް އެބަވަނދޭ!” މިހެން ވިދާޅުވެ، ފޭސްބުކުގައި އޭނާ ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދުނިޔެ ދެކިފައިނުވާފަދަ ކާރިސާއެއް އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިވެދާނެކަމެއް – ދުނިޔޭގެ ބޮޑެތި ބާރުތަކުން ޢިއުލާން ނުކުރިޔަސް އެ ބާރުތަކުގެ އަސްކަރިއްޔާ ހަނގުރާމައަކަށް ރުކުރުވާލަމުންދާކަން މިހާރު ކަށަވަރު ކަމަށެވެ.
ކ. އަތޮޅު ކައުންސިލުގެ ރައީސް ކަންވެސް ކުރެއްވި ސަޢީދު ވިދާޅުވީ، ދުނިޔެ މިއޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، އިރުމަތީ ޔޫރަޕްގެ ގައުމުތަކާއި ދެކުނު ޗައިނާ ކަނޑު ހިއްސާކުރާ ގައުމުތަކާއި މެދުއިރުމަތީގައި ހިމެނޭ ގައުމުތަކަށް އޮޅުމެއްގެ ތެރޭގައި ކުރެވޭ ކަމަކުން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ފަނާކުރަނިވި ހަތިޔާރުގެ ބޭނުންކޮށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔެ، މުސީބާތަކަށް ވެއްޓިދާނެ ކަމަށެވެ.
“މިހާރު މިއޮތް ޙާލަތުން ދުވަހެއްގެ އިރު އަރާއިރު މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރޭގައި އޮވެދާނެ.” ސަޢީދު ވިދާޅުވިއެވެ.
މިއީ މިފަދަ މުސީބާތަކުން ދުނިޔެ ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރަންވީ ވަގުތެއްކަމުގައި ދެކޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އެކަމަކު ދިވެހިންގެ ވަރުން، ވިސްނަންޖެހޭ ކަންކަންވެސް ހުންނާނެ. މިވަގުތު ސިޔާސީ ހަލަބޮލިކަމުން ދުރުވެ ތިބެންޖެހޭ – އަވަށްޓެރި ދަޢުލަތްތަކާއި ރަނގަޅު ގުޅުމެއް އޮންނަންޖެހޭ – ޚަރަދު ކުޑަކޮށް ދަޢުލަތް ހިންގަންޖެހޭ – މި ހުރިހާ ކަމެއްގައިވެސް ރާއްޖެ ފެންނަނީ ނުރަނގަޅު ފައްތަރެއްގައިވާތީ، މިއީ ސަރުކާރާއި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ވިސްނަންވެއްޖެކަމެއް” އޭނާ ވިދާޅުވިއެވެ.