ހުއްދަނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯރޓްކޮށް ފޮނުވާލާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އިއްޔެ ވަނީ ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 50 މީހަކު ހައްޔަރުކޮށް އިމިގްރޭޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އިއްޔެ ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، މި ޖޮއިންޓް އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާކަމަށެވެ. އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެލަމަށެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް @ImmigrationMV އިން ފަށާފައިވާ އޮޕަރޭޝަންގައި މިއަދު ވަނީ @PoliceMv އާއެކު ޖޮއިންޓް އޮޕަރޭޝަނެއް ހިންގާ، ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފަ. މި ފަރާތްތަކުގެ…
— Mohamed Shamaan Waheed (@ShamaanW) June 29, 2024
ވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މިއަދު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހިންގާ މާރުކޭޓުތަކާއި ބައެއް އެހެން ސަރަހައްދުތަކުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. ބިދޭސީންގެ ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ހިންގީ، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
ހޯމް މިނިސްޓްރީން ވަނީ މިދިޔަ މެއި މަހު މުޅި ރާއްޖޭގައި ވެސް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ފެށި އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ވަރަށް ގިނަ ބިދޭސީން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.