ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ޤުރުއާން ހިފްޒު ކުރަމުންދާ ދަރިވަރުންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ދަރިވަރުންނަަށް ޕޮކެޓު މަނީއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ކުދިންނަށް ހާއްސަ ޕޮކެޓު މަނީއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ޤުރުއާން ހިފްޒުކުރުމުގެ މަޝްރޫއުތައް ކުރިއަށްވުރެ ވަރުގަދަކޮށް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއްކަމަށެވެ.
އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު ހިނގަމުން ދަނީ ކިންގް ސަލްމާން މިސްކިތުގައިކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 5 އަހަރު ނިމުމުގެ ކުރިން ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގެވުމަށް ހާއްސަ ބިނާއެއް ގާއިމް ކުރައްވާނެކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި މުބާރާތަކީ ގައުމީ ފެންވަރުގައި ހިންގޭ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތްކަމަށެވެ.
އަދި ކޮންމެ އަހަރަކުވެސް 1000 އަށްވުރެ ގިނަ ދަރިވަރުން މުބާރާތުގައި ބައިވެރިވާއިރު މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭކަމަށެވެ. އެގޮތުން މި މުބާރާތަކީ ސިޓީތަކާއި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވިގެން އަންނަ ކުދިން ބައިވެރިވާ ޝަރަފުވެރި މުބާރާތަކަށް ހަދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ކުރިއަށް އޮތްތާނގައި މުބާރާތުގެ އުސޫލީ ކަންކަމަށް ބަދަލު ނުގެނައިކަމުގައިވިއަސް މުބާރާތް ހިންގާގޮތަށް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާ ކުރައްވާނެކަމަށެވެ.