ބޭނުންވާ ނަތީޖާ ހާސިލުކުރުމަށްޓަކާ ދަރިންނާ އޯގާތެރި، ހިތްހެޔޮ، ކަމޭހިތާ، ލޯތްބާއި ހިތުގެގާތްކަމާއެކު ވާހަކަދެއްކުމަށް، ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އިޖްތިމާޢީ ދާއިރާގެ ޚިދުމަތްތެރިޔާ މުޙައްމަދު ޝިހާބު އިލްތިމާސްކުރައްވައިފިއެވެ.
މުޙައްމަދު ޝިހާބު ގެންދަވަނީ އިޖްތިމާޢީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި ފޭސް ބުކްގައާއި އަދި އެހެނިހެން ފޯރަމްތަކުގައި، މަޢުލޫމާތުތައް ޙިއްސާ ކުރައްވަމުންނެވެ.
އޭނާ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ދަރިން ތަރުބިއްޔަތުކުރުމަށް ރުޅިއައިސްގެން ހަޅޭއްލަވާ ބިރުދެއްކުމަކީ ބައެއް މައިންބަފައިން ކުރާކަމެއް ކަމަށެވެ.
އޭގެ ނަތީޖާއަކަށްވަނީ އެކުދިންނަކީ ކަންކަމަށް ފަސްޖެހޭ، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ނެތް ބަޔަކަށްވުން ކަމަށާއި، ނުވަތަ ރުޅިގަދަ އަނިޔާވެރި ބަޔަކަށް ވުން ކަމަށް ޝިހާބު ފާހަގަކުރެއްވިއެވެ. މިއިން އެއްގޮތަކީ ވެސް އެމަންމަ ނުވަތަ ބައްޕަ ބޭނުންވި ނަތީޖާއެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ބޭނުންވާ ނަތީޖާ ހާސިލުކުރުމަށްޓަކާ ދަރިންނަށް އޯގާތެރި، ހިތްހެޔޮ، ކަމޭހިތާ، ލޯތްބާއި ހިތުގެގާތްކަމާއެކު ވާހަކަދައްކާށެވެ. އެގޮތުން ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ." މުޙައްމަދު ޝިހާބުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.