އޮޕަރޭޝަންގެ ކަންތައްތައް ބައްލަވާލެއްވުމަށް ވަޒީރު އިޙްސާން މާފުށީ ޖަލަށް, ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

އޮޕަރޭޝަންގެ ކަންތައްތައް ބައްލަވާލެއްވުމަށް ވަޒީރު އިޙްސާން މާފުށީ ޖަލަށް

މާފުށީ ޖަލުގައި ކުރިއަށްދާ އޮޕަރޭޝަންގެ ކަންތައްތައް ބައްލަވާލެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

މި އޮޕަރޭޝަނަކީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން ފަށާފައިވާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެންނެވެ.

މާފުށީ ޖަލުގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި މިހާތަނަށް 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާއިރު މިހާތަނަށް ބެލި ބެލުމުން ފޯނާއި މަސްތުވާތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

އަދި މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވުނު 18 އޮފިސަރުންނަކީވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން ކަމަށާއި އޭގެ ތެރެއިން ހަ މީހަކު ވަޒީފާއިން ވަކިވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުޅުވީ އިންޓެލިޖެންސް ބޭނުންކޮށްގެން ހޯދި މައުލޫމާތުން 18 އޮފިސަރެއްގެ އެކައުންޓުތަކަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި ފައިސާ ޖަމާވެފައިވަނީ ގައިދީންގެ އެކައުންޓުތަކާުންނާއި ކުށުގެ ވެށީގައި ފާހަގަކުރެވޭ މީހުންގެ އެކައުންޓުތަކުން ކަމަށެވެ.

މި އޮޕަރޭޝަންގެ ކަންތައްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިނިސްޓަރ ވަޑައިގެންނެވިއިރު އަރިހުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު