ޚަރަދު ކުޑަ ކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ތާޢީދުކުރައްވާ ކަމަށާއި، ޙާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެންބަރަކުންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް މަޖިލީހަށް ހުށައަޅުއްވާފައިވާ ޤަރާރަށް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ މެންބަރުންގެ ޢަދަދު އިތުރު ވާގޮތަށް އޮންނަ އޮތުމަކީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އަދި އަދުގެ މާލީ ޙާލަތަށް އަލިއަޅުއްވާލައްވާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވަމުން ގެންދަވާ ޤާސިމް ވަނީ، ކުރިން ވެރިކަންކުރި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، ކޮށްފައިވާ ކަންކަމާމެދު ސުވާލު އުފައްދަވާފައެވެ. ޤާސިމް ވަނީ ކޮންމެ އަހަރަކުވެސް ބަޖެޓު މާލިއްޔަތު ކޮމިޓީން ނިންމަނީ ޑެފިސިޓަށް އެތައް ބިލިއަން ރުފިޔާ އޮންނަ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
"ކޮންމެ ސަރުކާރަކުން ޑެފިސިޓު ބަޖެޓު ހުށައަޅަނީ. 15 ބިލިއަނުން 16 ބިލިއަނަށް އަހަރު ނިމިގެންދާއިރު އެކްޗުއަލް އެމައުންޓު އަރާ ބަޖެޓުގެ. މިއަދު މިހާލަތަށް ޤައުމު ވެއްޓިގެން މިއުޅެނީ މިއަދުގެ ސަރުކާރުން ކޮށްގެން އުޅޭ ކަމަކުން ނޫން. އެކަމަކު މިއަދު އެބަޖެހޭ ޤައުމު އަމިއްލަ ފައި މައްޗަށް ތެދުވަން މަސައްކަތްކުރަން." ޤާސިމް ވިދާޅުވިއެވެ.
ޤައުމު މިވަގުތު އޮތް މާލީ ދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ދައުލަތުން ސަބްސިޑީ ދީގެން ގެއްލުމުގައި ހިންގާ ކުންފުނިތައް އުވާލަންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.
ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް، އަމިއްލަ ވިޔަފާރިތައް ނުވަތަ ޕްރައިވެޓް ސެކްޓަރގެ ދައުރު ފުޅާކުރަންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.
ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމުގެ ރޫޙުގައިކަމަށް ޤާސިމް ވިދާޅުވިއެވެ.
ސަރުކާރުން ގެންދަވަނީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޚަރަދުތައް ކުޑަ ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ.