ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ކުންފުނިތަކާ މެދު އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ޕީސީބީގެ ފަރާތުން ވާހަކަދައްކަވަމުންނެވެ.
ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޔަމީން ވިދާޅުވީ، ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލު ކުރާނެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެކުލަވައިލާފައިވާނެ ކަމަށެވެ. އޭގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނިތަކާ މެދު އަމަލު ކުރާނެ ގޮތްތައް ދެނެގަނެފައިވާއިރު، މާޖު ކުރާނެ ކުންފުނިތަކާއި އުވައިލާނެ ކުންފުނިތައް ވެސް ކަނޑައަޅާފައިވާ ކަމަށް ޔަމީން ވިދާޅުވިއެވެ. ނަމަވެސް، އުވައިލާނެ ކުންފުނިތައް އަދި ހާމައެއް ނުކުރައްވައެވެ.
އުވާލާނެ ކުންފުނިތަކާއި، މާރޖް ކުރާނެ ކުންފުނިތަކުގެ ލިސްޓެއް ތައްޔާރުކޮށް، އެންޑޯޒްކޮށް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔަމީން ވިދާޅުވީ، ކުންފުނިތައް ހިންގުމާ ގުޅޭ މުހިއްމު އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ޕީސީބީން ކުރަމުން އަންނަ ކަމަށާއި، އެ އިދާރާ އިން މިވަގުތު އަންނަނީ ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ފައިދާ ނުވާ ކުންފުނިތަކާ މެދު ޢަމަލުކުރާނެ ގޮތެއް ޕީސީބީން ކަނޑައަޅުއްވާފައިވާއިރު، މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، އެސްއޯއީތަކުގެ އެސެސްމެންޓް ނިންމައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ފަހު، ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެސްއޯއީތައް ހިންގުމަށް ސަރުކަރުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހިފައިވާ ކަމަށާއި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.