ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް އެފިޝެންސީ އިތުރުކުރަން ޖެހޭ ކަމުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޟިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ މި އަހަރު ކުރީކޮޅުން ފެށިގެން ވަނީ ޚަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ފައިދާވާ، ހަރުދަނާ ކުންފުނިތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅިފައިވާ ފިޔަވަޅުތަކުންގެ ތެރެއިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޚަރަދު މިހާރު މަހަކު އެވަރެޖްކޮށް 17 މިލިއަން ރުފިޔާއިން ކުޑަކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ބަދަލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ފެންނަމުންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. ޝަފީޤް މިގޮތަށް ވިދާޅުވެފައިވަނީ ވަނީ ދިވެހިރާއްޖޭގެ މާލީ ޙާލަތު މިހާރު އޮތް ގޮތާއި، މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން ކުރެއްވެވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.



