ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިލޭ ހިންގަން ވަރަށް އަވަހަށް ފައްޓަވާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވީ ސައިން ލެންގުއޭޖް ދަސްވެފައިވާ މީހުން ރާއްޖޭގައި މަދުކަމުން ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ކަމަށެވެ.
ކޯސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކޮންމެ މީހަކަށްވެސް ކޯހަށް އެކްސެސްވެވޭ ގޮތަށް ކަމަށާއި އޭރުން މިކޯސް ކޮންމެ މީހަކަށްވެސް ފުރިހަމަކުރެވޭނެއެވެ. ވަޒީރު ވިދާޅުވީ މިފަދަ ކޯހެއްގެ ސަބަބުން އޮފީހާއި ގެއާއި ސްކޫލްތަކުގައި އުޅޭ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުޢަމަލާތުކުރަން ދަސްކުރަން ފަސޭހަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ އިދާރާތަކުގެ ތެރެއިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއިން ބައްދަލުކުރުން pic.twitter.com/SxqiBFuQA8
— People's Majlis (@mvpeoplesmajlis) July 3, 2024
ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި މުއައްސަސާއެއްގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތްދެވޭ ފެންވަރުގެ މީހުން ތިބެން ވާނެ ކަމަށް ގަވާއިދުގައި ބުނާކަމަށާއި، އެހެންކަމުން ޚިދުމަތް ދެވޭ ފެންވަރަށް މީހުން ތަމްރީންކުރަންޖެހޭތީ އެމަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ސައިކޯ ސޯޝަލް ސަޕޯޓް ނުވަތަ ނަފްސާނީ އެހީތެރިކަންދެވޭ ފެންވަރުގެ މީހުންވެސް މަދުކަމަށާއި، ކައުންސެލިންއާއި ސައިކޯ-ތެރަޕީ ދޭ މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށެވެ.