އެކައުންޓަންޓުންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބައެއް ކަމަށާއި، ދިވެހި އެކައުންޓަންޓުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައި މަސައްކަތްކޮށް އާމްދަނީ ހޯދާތަން ދެކެން ބޭނުންވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ގިނަ ސްކޮލަރޝިޕްތަކެއް މި ދާއިރާއިން މިހާރުވެސް ހުޅުވާލާފައިވާކަމަށެވެ.
އެކައުންޓަންޓުންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބައެއް ކަން ފާހަގަކުރައްވަމުން، ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމަށާއި، ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައިވެސް ދިވެހި އެކައުންޓަންޓުން މަސައްކަތްކުރާ ދުވަސް ދެކެން ބޭނުންވާކަމަށެވެ.
ވަޒީރު ޑރ. ޝަފީޤް ވިދާޅުވީ އިންޓަރނަލް އޮޑިޓުތައް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިއީ މުޅި ދައުލަތަށްވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
Shaping the Future of Governance! The Minister’s keynote explored vital strategies and insights crucial for enhancing transparency and effectiveness in governmental operations, through internal audit and other governance best practices.#SIAC2024 pic.twitter.com/FO8uGLdRiC
— Ministry of Finance (@MoFmv) July 3, 2024
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކުރިއަށްދާނީ ޖުލައި 3 އަދި 4 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިކޮންފަރެންސް އަމާޒުކޮށްފައިވަނީ ދައުލަތުގެ އިދާރާތަކާއި ކައުންސިލްތަކަށެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް ހިއްސާ ކުރާނެއެވެ. އަދި އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެމައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން އަމަލީ ގޮތުން އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓުހެދުމުގެ ވޯކްޝޮޕްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް، މާލީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ އެކައުންޓްތަކާއި ފަންޑުތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބާރުލިބިގެން މާލީ ވުޒާރާއިން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. ދައުލަތުގެ މުދަލާއި ފައިސާ އަދި ލިޔެކިޔުންތައް ބަލަހައްޓައި، ކަންކަން ކުރިއަށް ދަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަކީ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޒިންމާއެކެވެ.