ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަންތައް ކުރެއްވި ގޮތުން ފުލުހުންނަކީ، އެމީހުންގެ ޤާނޫނީ ޒިންމާ އަދާކުރެވޭ ފެންވަރުގެ ބައެއް ނޫންކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަންތައް ކުރެއްވި ގޮތުން ފުލުހުންނަކީ، މިހާރު އެމީހުންގެ ޤާނޫނީ ޒިންމާ އަދާކުރެވޭ ފެންވަރުގެ ބައެއް ނޫންކަމަށެވެ.
"ހަމަ މަޤާމު، މަޤާމު، މަޤާމު.. އިނގޭތޯ؟ ދެރަވަރު ހިސާބެއްގަ މި އޮތީ.." ރައީސް ޔާމީން ވިދާޅުވިއެވެ.
މިނިވަން ހުރިހާ މުޢައްސާސާއެއް ހުރީ ވާވެފައި ކަމަށާއި، މިހާރު ތިއްބެވި ބޭފުޅުންވެސް ކިޔަވަނީ އެއްފޮތުން ކަމަށް ޔާމީން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ޝަމްނާޒަކީ ވަރަށް އަރިސްކޮށް އުޅުއްވި ކައުންސިލަރެއް ކަމަށެވެ. ސިޓީ ކައުންސިލުގައި ހުރި ކޮރަޕްޝަންތަކަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަންތައްތަކުގެ ވާހަކަ ވަރަށް ގިނައިން އިވޭ މައްސަލަތަކެކެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް އެކުގައި މަސައްކަތްކުރާ މީހަކު ހަށިރައްކަލަކަށް ޓަކައި އެފަދަ ކަމެއްގެ މައުލޫމާތު ޕެންޑްރައިވެއްގައި ރައްކާކޮށްގެން ގެންގުޅެފާނެ ކަމަށް ގަބޫލުކުރައްވަން ފަސޭހަ އެވެ. އެހެންވީމާ އެ ކަހަލަ ޕެންޑްރައިވެއް ހޯދަން ޝަމްނާޒް ހައްޔަރު ކުރުމުގެ ޖާގަ އޮވެދާނެތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
ޝަމްނާޒް ހައްޔަރުކުރީ ރިޔާސީ ގަނޑުވަރު މުލިއާގެ އިން ފޮނުވި މައްސަލައެއް ނޫން ކަަމަށް ބުނާ ކަމަށާއި އެހެން ނަމަވެސް އެވާހަކަ ގަބޫލުނުކުރެއްވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ޔާމީނު ވިދާޅުވި ގޮތުގައި ފުލުހުން އިސްނަގައިގެން އެފަދަ މައްސަލައެއް ބަލައިފާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ޕީޕީއެމްގެ ފަލްސަފާއެއް ނެތް ކަން ފާހަގަކުރައްވައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.