"މުސްލިމް އަޚުންނޭވެ! الله سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށްޓަކައި ހެޔޮ ޢަމަލުކުރުމުގެ ދުވަސްތައް އަހަރުގެ ތެރޭގައި ލައްވައިފައިވެއެވެ. މި ގޮތުން މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހަކީ އެފަދަ ދުވަހެކެވެ. އެއީ އާޝޫރާ ދުވަހެވެ. ޢާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވެއެވެ.
މާތް ނަބިއްޔާ ﷺ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ. އަލްއިމާމު އިބްނުލް ޤައްޔިމު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "އެދުވަހުގެ ކުރިން އެއް ދުވަހު ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުން ސުންނަތް ވެގެންވެއެވެ." ވީމާ، މިސުންނަތް ޙާޞިލުކުރާން އެދޭ މީހާއަށް އޮތީ، މުޙައްރަމް މަހުގެ ދިހަވަނަ ދުވަހާއި، އެ ދުވަހުގެ ކުރީން ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުމެވެ.
މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (صِيَامُ يَوْمِ عَاشُوْرَاء، إِنِّيْ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِيْ قَبْلَهُ) [1] މާނައީ: "ޢާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެ ދިޔައަހަރު ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް ތިމަންކަލޭފާނު އުންމީދު ކުރައްވަމެވެ." މިފަދަ މާތް ދުވަސްތަކުގައި ރޯދަހިފުމަށް ދަހިވެތިވާ ބަޔެއްކަމުގައި الله سُبْحَانَهُ وَتَعَالَى އަޅަމެން އެންމެން ލައްވާނދޭވެ! އަދި އެ ދުވަސްތަކުގައި ރޯދަހިފުމުގެ ހެޔޮ ދަރުމަޔާއި ޘަވާބު އަޅަމެންނަށް މިންވަރުކުރައްވާނދޭވެ! އާމީން."