ސަރުކާރަށް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ މ. ކަރާދުނބުރިއާގެ، މުޙައްމަދުފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލްމަރުޙޫމް މުޙައްމަދުފުޅަކީ، 43 އަހަރަަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ސަރުކާރުގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަޤާމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މުޙައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މ.ކަރާދުނބުރިއާގެ، އަލްމަރުޙޫމް މުޙައްމަދުފުޅަކީ، 43 އަހަރަަށްވުރެ ދިގު މުއްދަތަކު ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ… pic.twitter.com/1FDz0CV9hu
— Dr Mohamed Muizzu (@MMuizzu) July 5, 2024
އުމުރުން 80 އަހަރުގައި މުޙައްމަދުފުޅު މިއަދު އަވަހާރަވެފައިވާއިރު، ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށްފަހު މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) މިސްކިތުގައެވެ.