7 ޑިސެންބަރު 2024
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އާޓް ވޯކެއް

ގެވެށި އަނިޔާގެ ޢަމަލުތައް ރިޕޯޓްކުރާނީ ކާކަށް؟

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ނަންބަރު 1 (ހ) އަކީ ދިވެހިރާއްޖޭގައި ހިނގާ ގެވެށިއަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި،ކަމާގުޅޭގޮތުން އޮތް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި، އެއް މުއައްސަސާއަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ކަނޑައެޅުމުގެ ޤާނޫނެވެ.

ގެވެށި އަނިޔާގެ ކޮންމެ އަމަލަކީ، ކޮންމެ ޙާލަތެއްގައިވިއަސް، ކޮންމެ ގޮތަކަށް، ކޮންމެފެންވަރެއްގެ ބައެއްގެ މެދުގައި ހިނގި ނަމަވެސް، ޤާނޫނާ ޚިލާފު ޢަމަލެކެވެ. މިގޮތުން ގެވެށިއަނިޔާގެ ޝިކާރައަކަށްވާ މީހާއަށް މި ޤާނޫނުން ރައްކާތެރިކަމާއި ޙިމާޔަތް ލިބިދެއެވެ. އަދި މިޤާނޫނުގެ އެއް މަޤްޞަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް އެންމެ ލުއި ފަސޭހަމަރުޙަލާއެއްގެ ތެރެއިން އިންސާފު ހޯދައިދިނުމެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 8 (ހ) ގެ ދަށުން، ގެވެށި އަނިޔާގެ ޢަމަލެއްހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ނުވަތަ އެފަދަޢަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އެކަން ފުލުހުންނަށްރިޕޯޓުކުރަންވާނެއެވެ. އަދި "ރިޕޯޓުކުރުން" ކަމަށް ޤާނޫނުގައި ބުނެފައިއެވަނީ، ގެވެށިއަނިޔާގެ ޢަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވޭހިނދު، ނުވަތަ އެފަދަ ޢަމަލެއްހިނގާފާނެކަމަށް ޤަބޫލުކުރެވޭހިނދު، ނުވަތަ އެފަދަ ޢަމަލެއް ނުހިނގާ ނުދާނެކަމަށްބެލެވޭހިނދު، އެކަން ފުލުހުންނަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް މި ޤާނޫނުގެދަށުން އަންގާ އެންގުމަށެވެ. ޖުމްލަކޮށް ދަންނަވާނަމަ ގެވެށި އަނިޔާ ކޮންމެ މީހަކަށް ވެސްރިޕޯޓްކުރެވޭނެއެވެ.

ޢާންމުގޮތެއްގައި ކަންހިނގާގޮތަށް ބަލާއިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާފުރަތަމަ ދިމާވާ ބަޔަކަށްވަނީ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްދޭ ފަރާތްތައް ކަމަށްވާހިނދު،ގެވެށި އަނިޔާ ލިބިފައިވާކަމަށް ޝައްކުކުރެވޭ މީހުންނަށް އެކަށީގެންވާ އެހީތެރިކަންފޯރުކޮށްދިނުމުގައާއި، އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރުމުގައި ޞިއްޙީ އަދިއިޖުތިމާޢީ ޚިދުމަތްދޭ ފަރާތްތަކުގެ މައްޗަށް ޒިންމާއޮވެއެވެ. އަދި އެ ޢަމަލުގެ ތަޙްޤީޤުގެމަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މަޞްލަޙަތަށް އުނިކަމެއްނާންނާނެ ގޮތުގެމަތިން، އަދި އޭނާގެ މަޞްލަޙަތު ޙިމާޔަތްވެ ދެމިއޮންނާނެގޮތުގެމަތިން، އެ ޞިއްޙީ އިދާރާއިން ނުވަތަ އިޖްތިމާޢީ އިދާރާއިން އެއްބާރުލުންދޭންވާނެއެވެ.

ފޯނުން ގުޅައިގެން ވެސް، ފެކްސް އަދި ލިޔުމުން ވެސް އަދި ފުލުހުންގެ އިދާރާއަށް ހާޒިރުވެގެންވެސް މިޢަމަލު ރިޕޯޓްކުރެވޭނެއެވެ. އަދި ރިޕޯޓްކުރާ މީހާ ރިޕޯޓުކުރުމުން، އެކަން ހަމައެކަނިރިޕޯޓުކުރިކަމަށްޓަކައި، އެކަމުގެ ނަތީޖާއެއްގެގޮތުން އުފުލަންޖެހޭ އެއްވެސް ޤާނޫނީ ޒިންމާއެއްނުވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި އޭނާރިޕޯޓުކުރި ގެވެށި އަނިޔާގެ ޢަމަލަކީ އެފަދަ ޢަމަލެއްނޫންކަން ފަހުން ސާބިތުވި ނަމަވެސް،އެކަން އޭނާ ރިޕޯޓުކުރީ ހެޔޮނިޔަތުގައިކަމަށްވާނަމަ، އޭނާގެ މައްޗަށް އެއްވެސް ދަޢުވާއެއްނުކުރެވޭނެއެވެ.

މީގެ އިތުރުން، ފުލުހަކު ގެވެށި އަނިޔާގެ ހާދިސާއެއް ހިނގި ތަނެއްގައި ހާޒިރުވެހުރިނަމަނުވަތަ އެފަދަ ހާދިސާއެއް ހިނގި ތަނަކަށް ފުލުހުންނަށް ނުވަތަ ފުލުހަކަށް ދެވުނު އެންމެއަވަސް ފުރުޞަތެއްގައި ނުވަތަ ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފިކަމުގެ ރިޕޯޓެއްފުލުހުންނަށް ލިބިއްޖެކަމުގައިވާނަމަ، ފުލުހުން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ގެވެށި އަނިޔާގެޢަމަލު ރިޕޯޓުކުރި ފަރާތަށް ދޭންޖެހޭ އެންމެ އެކަށޭނަ ރައްކާތެރިކަން ފޯރުކޮށްދިނުންހިމެނެއެވެ.

ގެވެށި އަނިޔާގެ ކޮންމެ އަމަލަކީ، ޤާނޫނާ ޚިލާފު އަމަލަކަށްވާއިރު، އެފަދަ ޢަމަލެއްހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ނުވަތަ އެފަދަޢަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އެކަން ރިޕޯޓުކުރުމަކީ ހަމަ ކޮންމެ ފަރާތެއްގެވެސް ޒިންމާއެކެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނަންބަރު 1421 އަށް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 119 އަށް ގުޅައިގެން ރިޕޯޓުކުރެވޭނެއެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި މައްސަލައެއް ނަމަ 1412 އަށް ގުޅުއްވައިގެން ރިޕޯޓުކުރެވޭނެއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ތައްޔާރުކޮށްފައިވާ ލިޔުމެއް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު