ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ހަނދާންކޮށްދެއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވިދާޅުވީ، އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން، މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށެވެ.
ޝަމްޢާން ވިދާޅުވީ، އެފަދަ ފަރާތްތައް އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ ދަށުން، 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެމީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.
މިފަދަ ޖޫރިމަނާއަކުން ސަލާމަތްވުމަށް، ޝަމްޢާން ވަނީ އެންމެހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ، ހެދިފައިވާ ގަވައިދުތަކަށް އަމަލު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
"އަޅުގަނޑު އިލްތިމާސްކުރަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް." އެކްސްގައި ކުރި ޕޯސްޓްގައި ޝަމްޢާން އިލްތިމާސް ކުރެއްވިއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ގިނަ ބިދޭސީން ހައްޔަރުކޮށްފައިވާއިރު، ޝަމްޢާން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް. އަދި އެފަދަ ފަރާތްތައް އެ…
— Mohamed Shamaan Waheed (@ShamaanW) July 8, 2024
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެ ވިޔަފާރި ކުރަމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.



