އިންޑިއާގެ ސިނަމާގެ އެންމެ އައިކޮނިކް އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަރްމެންދްރާ ދިރިއުޅުމަށް ބަލާއިރު ފެންނާން އޮތީ ސާދާކަމާއި ޝަރަފުވެރިކަން ބެލެންސް ކުރި ދިރިއުޅުމެކެވެ. ޑިސެމްބަރު 8، 1935 ގައި ޕަންޖާބުގެ ފަގްވާރާ އަށް އުފަން ދަރްމެންދްރާ ސިންގް ޑިއޯލް އަށް މަޤްބޫލު ތަރިއެއްގެ ލަޤަބު ލިބުނު ނަމަވެސް އޭނާގެ ދިރިއުޅުމުން ފެނިފައިވަނީ ސާދާ ކަމެވެ. ގުދުރަތީ ކަންކަމާއި ދަނޑުވެރިކަމަށް ލޯބިކުރާ ދަރުމެންދްރާ ގިނަ ވަގުތު ހޭދަކުރަނީ ލޮނަވަލާގައި ހުންނަ އޭނާގެ ފާމްހައުސްގައެވެ. އެތަނުގައި އޭނާ ދަނޑުވެރިކަމުގެ ހަރަކާތްތަކުގައި ބައިވެރިވެއެވެ. ގުދުރަތުގެ މި ހިތްގައިމު ސަރަޙައްދާ ގުޅިފައިވާ ގުޅުމަކީ ހަލަބޮލި ފިލްމީ ޙަޔާތާ ބައެއް ފަހަރު ދުރަށް ޖެހިލައިި، ހިތަށް ތަސައްލީއެއް ލިބޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. އޭނާއަށް މަޤްބޫލުކަން ލިބުނު ނަމަވެސް ދަރުމެންދްރާ މަޝްހޫރުވެފައިވަނީ އާއިލާއާއި ރައްޓެހިންނާ ގާތް ގުޅުމެއް ބާއްވައިގެން އުޅޭ ސާދާ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ.
ބޮލީވުޑްގައި ދަރުމެންދްރާގެ މަޝްހޫރު ކެރިއަރު ފެށުނީ 1960 ވަނަ އަހަރު "ދިލް ބީ ތޭރާ ހަމް ބީ ތޭ" އިންނެވެ. އެ ފިލްމުން އޭނާ ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ އިރު، ލޯބީގެ ފިލްމުތަކާއި އެކްޝަން ފިލްމުތަކުގައި މުހިއްމު ރޯލެއް އަދާކޮށް، ދެއްކި ހުނަރުން ވަރަށް އަވަހަށް، އޭނާ މަޝްހޫރުކަން ހޯދިއެވެ. "ޝޯލޭ"، "ފުލް އޯރް ޕަތަރު"، އަދި "ޗުޕްކޭ ޗުޕްކޭ" ފަދަ ފިލްމުތަކުގައި އޭނާ އަދާކޮށްފައިވަނީ މުހިއްމު ރޯލުތަކެކެވެ. އެއީ ލެޖެންޑަރީ ފިލްމުތަކެކެވެ. ދިހަވަރަކަށް އަހަރު ތެރޭގައި ދަރުމެންދްރާ އިންޑިއާގެ ސިނަމާގެ "ހީ-މޭން" ގެ ނަމުން މަޝްހޫރުވެގެން ދިޔައީ އޭނާގެ ވަރުގަދަ ސްކްރީން ޕްރެޒެންސް އާއި ކަރިޒަމާޓިކް ޕެރްސޯނާގެ ސަބަބުންނެވެ. ފިލްމީ ދާއިރާއަށް ކޮށްފައިވާ ޚިދުމަތްތަކުގެ ސަބަބުން އޭނާއަށް ގިނަ ޝަރަފުތަކެއް ލިބިފައިވާއިރު، އޭގެ ތެރޭގައި މަޝްހޫރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ހިމެނެއެވެ. އޭނާގެ މަގުބޫލުކަމާއި، އަދި ކުރި ބުރަ މަސައްކަތްތަކެއްގެ ސަބަބުން ބޮލީވުޑްގެ އެންމެ ލޯބިވާ އެކްޓަރުންގެ ތެރޭގައި ހިމެނުނެވެ.
ދަރުމެންދުރާގެ އަމިއްލަ ދިރިއުޅުމުން ބޮޑަށް ފާހަގަކުރެވެނީ ޚާއްސަކޮށް އޭނާ އެހެން މީހުންނާ މެދު ބާއްވަ ގާތް ގުޅުމެވެ. އޭނާ 1954 ވަނަ އަހަރު ޕްރަކާޝް ކައުރާއި ކައިވެނި ކުރިއެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވާއިރު، އޭގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް ހިމެނެއެވެ. ކައިވެނި ކުރި ނަމަވެސް ދަރުމެންދްރާ ލޯބިވި ބަތަލާއަކީ ހެމާ މާލީނީއާ އެވެ. ފިލްމު "ޓޫމް ހަސީން މައިން ޖަވާން" ކުޅުނު ދުވަސްވަރު މިކަން ގިނަ ބަޔަކަށް ފާހަގަވިއެވެ. އެދެމީހުންގެ ލޯބީގެ ގުޅުން ފުޅާވެ، ވަރަށް ބޮޑަށް އާންމުވެ، އެންމެ ފަހުން ކައިވެނިވެސް ކުރިއެވެ. އެއީ 1980 ވަނަ އަހަރެވެ. އެއަށްފަހު ދަރުމެންދްރާ އިސްލާމްވިއެވެ. އެ ދެމަފިރިންނަށް ލިބިފައިވަނީ ދެ އަންހެން ދަރިން ކަމަށްވާ އީޝާ ޑިއޯލް އާއި އަހާނާ ޑިއޯލް އެވެ. ދަރުމެންދުރާގެ ގުޅުންތަކާއި ކައިވެނިތަކަކީ އޭނާގެ އާންމު ޝަޚުސިއްޔަތުގެ މުހިންމު ބައެކެވެ. އެކަމަކީ އޭނާގެ ތަނަވަސް ޒާތީ ދިރިއުޅުން ދައްކުވައިދޭ ކަމެކެވެ.