ޓްރަމްޕްއަށް ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމްވެއްޖެ, ފޮޓޯ: ރޮއިޓާސް

ޓްރަމްޕްއަށް ދިން ބަޑީގެ ހަމަލާއެއްގައި އޭނާ ޒަޚަމްވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގެ ތެރޭ މީހަކު ބަޑިން ހަމަލާދޭން މަސައްކަތްކޮށްފިއެވެ.

ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ބަޑިން ހަމަލާދޭން މަސައްކަތްކުރީ އޭނާ ޕޯޑިއަމްގައި ވާހަކަ ދައްކަން ހުންނަވަނިކޮށެވެ. ބަޑީގެ އަޑުފައްގަނޑާ އެކު ޓްރަމްޕް އޭނާގެ ކަނާތްފަރާތު ކަންފަތް މަތީ އަތް އެޅުއްވި އެވެ. އެއާ އެކު މޫނުމަތީގައި ލޭ ހުއްޓާ ފެނުނެވެ.

މި ހާދިސާ ތަހުގީގުކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށް ރަސްމީ އިދާރާތަކުން ވިދާޅުވެއެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ މަރާލައިފައެވެ. އަދި ހަމަލާއާ ގުޅުމެއް ނެތް އެހެން މީހަކު ވެސް އޭނާއަށް ހަމަލާ ދިނުމުގެ ތެރޭގައި މަރުވެފައިވާ ކަމަށް ބުންޏެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޑިޖެހި މީހާ މަރުވެފައިވާ ކަމަށާއި، އަދި އެއްވުމުގައި ބައިވެރިވި އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ސެކިއުރީ ސާވިސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރޮއިޓާސް އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

"ކުރީގެ ރައީސް ހުންނެވީ ސަލާމަތުން،" ސީކްރެޓް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ރިޕަބްލިކަންގެ ކެންޑިޑޭޓް ޓްރަމްޕްގެ ކެމްޕެއިނުން ވެސް ބުނީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ޓްރަމްޕް ހުންނެވީ ހެޔޮ ހާލުގައި ކަމަށެވެ. އަދި މި އަނިޔާވެރި އަމަލުގެ ވަގުތު ތަންފީޒީ އިދާރާތަކުން މަސައްކަތްކުރި ހަލުވިކަމާއި ފުރިހަމަކަމަށް ޓްރަމްޕް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ބުންޏެވެ.

މި ހަމަލާއަށް ފަހު ބައިޑެން ވިދާޅުވީ މިފަދަ އަނިޔާވެރި އަމަލުތަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެ ކަމަށެވެ. ބައިޑެންގެ ގެކޮޅުގައި ހުންނަވައި ދެއްވި ބަޔާނުގައި ވިދާޅުވީ މިކަހަލަ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު