11 ފެބުރުވަރީ 2026
ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ

ގަވަރުނަރު މާލިއްޔަތު ކޮމިޓީއަށް ވަޑައިނުގަތުމުން މިއަދުގެ ބައްދަލުވުން ކެންސަލް

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަން އަންގަވައިފިއެވެ.

އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް ސިޓީގައިވެއެވެ.

މިއީ، ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ތާވަލުކުރި ބައްދަލުވުމެކެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މިއަދުގެ ހެނދުނު 11:00 އަށް ތާވަލް ކޮށްފައިވާ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކޮށް، ސުވާލު ކުރުމެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުޢިއްޒަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. އެމްއެމްއޭ ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ނާޒިމް މަޖިލިހުގައި ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު