10 ފެބުރުވަރީ 2026
އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް

އިޤްތިޞާދީ ކާރިސާއެއްގެ ބިރު ބޮޑުވީ، ފާއިތުވީ ދެއަހަރު ދިން ލަފައަށް ޢަމަލުނުކުރުމުން: ގަވަރުނަރު

ރާއްޖޭއަށް އިޤްތިޞާދީ ކާރިސާއެއްގެ ބިރު ބޮޑުވެފައިވުމުގެ މައިގަނޑު ސަބަބަކީ، މަރުކަޒީ ބޭންކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިން އިރުޝާދާއި ލަފައަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ޢަމަލު ނުކުރުމުންކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް މިހެން ވިދާޅުވެފައިވަނީ އޭނާ މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވަނިކޮށެވެ. ޢަލީ ހާޝިމް މަގާމުން ވަކިކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އެމަނިކުފާނު އެ މައްސަލަ ހުށަހެޅުއްވީ ސަރުކާރަށް ގަވަރުނަރުގެ ފަރާތުން އެއްބާރުލުން ނުދެއްވާކަމަށް ވިދާޅުވެއެވެ.

ގަވަރަނަރު ޢަލީ ޙާޝިމް މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފާސްކޮށްފި

މާލިއްޔަތު ކޮމިޓީން ވަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް އެމްއެމްއޭއިން މަސައްކަތް ނުކުރާކަމަށާއި ސަރުކާރަށް އެފަދަ އެއްވެސް ލަފައެއްވެސް ނުދެއްވާކަމުގެ ކަންބޮޑުވުން މެންބަރުން ފާޅުކުރައްވާފައިވެއެވެ. އެހެންވެ، ގަވަރުނަރު މަޤާމުން ވަކިކުރެއްވުމަށް ކޮމިޓީގެ މެންބަރުން ވަނީ އެއްބަސްވެވަޑައިގެން ގަވަރުނަރު ކޮމިޓީއަށް ޙާޒިރުކުރެއްވުމަށް ނިންމަވާފައެވެ. ނަމަވެސް ކޮމިޓީއަށް ޙާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެން އެކަން ބަޔާންކުރައްވާ ގަވަރުނަރު ވަނީ ކޮމިޓީއަށް ރިޕޯޓެއް ފޮނުއްވާފައެވެ.

މި ރިޕޯޓުގައި ވަނީ ފާއިތުވީ 2 އަހަރުދުވަހު މަރުކަޒީ ބޭންކުންކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުތެރޭގައި އެކަނިވެސް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވުނު މަޝްވަރާތަކުން، އިޤްތިޞާދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން އިޤްތިޞާދު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ އެ އޮތޯރިޓީން ހިއްސާ ކޮށްފައިވާކަމަށް ގަވަރުނަރު ހާޝިމްވަނީ ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ އިޤްތިޞާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ޤައުމު ސަލާމަތްކުރުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭއިން ފޯރުކޮށްދިންކަމަށެވެ.

ރާއްޖެއަށް އިޤްތިޞާދީ ޙާލަތު އަދި އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ އެމްއެމްއޭ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އިރުޝާދާއި ލަފައަށް ކަމާބެހޭ ފަރާތްތަކުން އަހައްމިޔަތުކަން ނުދިނުމުގެ ސަބަބުން ކަމަށާއި ޒަމާނުއްސުރެ ވަކާލާތުކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅުއްވާފައި ނެތުމުންކަމަށް ގަވަރުނަރުވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، މިޤައުމު މި ދަތި ހާލަތުން އަރައިގަތުމަށް މުޅި ދިވެހި ދައުލަތް އެކުގައި މަސައްކަތްތަކެއްކުރަން ޖެހިފައިވާކަމަށާއި، މިކަމަށް އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށް ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވިއެވެ.

ޤަވަރުނަރު ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި ސަރުކާރުން މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ޤަވަރުނަރުގެ ހައިސިއްޔަތުން ނުކުރައްވާކަމަށް ކޮމިޓިން ނިންމާފައިވެއެވެ. އެމްއެމްއޭގެ ޤާނޫނުގައި ސަރީޙަ އިބާރާތުން ބަޔާންކޮށްފައިވާ މައިގަނޑު މަޤުޞަސަތުތައް ހާސިލްކުރުމަށް 17 ނޮވެމްބަރުން ފެށިގެން މިހާތަނަށް ސަރުކާރަށް ލަފާ ދިނުމާއި އެ މަޤުޞަދު ހާސިލްކުރުމަށް އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ކޮމިޓީގެ ނިންމުމުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު