މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ގޮނޑި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ކޮންގްރެސް ޕާޓީ، ޕީއެންސީން މިއަދު ހޯދައިފިއެވެ.
މިއަދު އޮތް ބައި އިލެކްޝަންގައި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ. އައިމަން އެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
އޭނާއާ ވާދަކުރެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދު (ތުތީ) އެވެ.
ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ކައުންސިލަރަކު އިންތިޚާބު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައި އިލެކްޝަނެއް ބޭއްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
މީގެއިތުރުން، ހުޅުމާލެ ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން އީސީން މިއަދު ވަނީ އިތުރު ފަސް ބައި އިލެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ.