7 ފެބުރުވަރީ 2025
ފައިނޭންސް ފޯރަމް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ޕެންޝަން އޮފީސް

ދުރާލާ މަސައްކަތް ކުރެވިއްޖެނަމަ އިޖްތިމާޢީ އިޤްތިޞާދީ މަސައްކަތް އައު މިސްރާބަކަށް ގެންދެވޭނެ: ވަޒީރު

ދުރާލާ މަސައްކަތް ކުރެވިއްޖެނަމަ އިޖްތިމާޢީ އިޤްތިޞާދީ މަސައްކަތް އައު މިސްރާބަކަށް ގެންދެވޭނެ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ފައިނޭންސް ފޯރަމް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ދޮށީ އުމުރުގެ އާބާދީއަކަށް ދިވެހި ރާއްޖެ މިސްރާބު ޖަހާފައިވާއިރު އެއީ ކުރިއެރުންތަކާއެކު ގޮންޖެހުންތަކެއް ހުރި ކަމެއްކަމަށެވެ.

އެކަމަނާ ވިދާޅުވީ، މިހާރުންސުރެ ދުރާލާ މިކަމަށް ތައްޔާރުވެވިއްޖެނަމަ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތް އައު މިސްރާބަކަށް ގެންދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.

ވަޒީރު ވިދާޅުވީ، އިސްރައްވެހިން ހިމެނޭހެން ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން އިންސާފުވެރި، ދެމެހެއްޓެނިވި އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ގޮތަށް ފުރިހަމަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާޢިމް ކުރަން ޖެހޭކަމަށެވެ.

މި ނިޒާމަކީ ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައި ތިބި ރައްޔިތުންނަށް ދިމާވާ އިޖްތިމާޢީ އަދި ޤުދުރަތީ ކާރިސާތަކުން ރައްކާތެރިކޮށްދޭނެ ފުރިހަމަ ނިޒާމަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕެންޝަނުގެ ނިޒާމަކީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެއް ބަހާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވި މިފަދަ ނިޒާމެއް އެކުލަވާލުމަށް މިހާރު ފްރޭމް ވޯކް ތައްޔާރުކުވިފައިވާކަމަށާއި، މި ފޯރަމުގެ ތެރެއިން މިފަދަ ނިޒާމެއް ހަރުދަނާ ކުރުމަށް ރަނގަޅު ޚިޔާލުތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތީ މިމަސައްކަތުގެ މަސްލަހަތު ހިމެނޭ ފަރާތްތަކާއި ގުޅިގެން ނިޒާމު އެކުލަވާލުމަށް މަސައްކަތް ކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަހަރު ކުރިއަށް ގެންދާ ފައިނޭންސް ފޯރަމުގެ ޝިޢާރަކީ "ދެހެއްޓެނިވި ޕެންޝަނުގެ ނިޒާމް" އެވެ. މިއަހަރުގެ ފޯރަމުގައި 150 ފަރާތެއް ބައިވެރިވެއެވެ.

މި އަހަރުގެ ފޯރަމުގެ ތެރެއިން ޕެންޝަނާއި އިޖްތިމާޢި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޮށީ އުމުރުގު އާބާދީއަކަށް ރާއްޖެ ދާއިރު އެކަމުގެ ސަބަބުން އިޤްތިޞާދައް ކުރާނެ އަސާރާއި ގުޅޭގޮތުން ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދާނެއެވެ.

ފައިނޭންސް ފޯރަމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ މާލީ އަދި އިޖްތިމާޢީ ދާއިރާގެ ގިނަ މައްސަލަލަތަކާއި މެދު މަޝްވަރާކޮށް ދާއިރާގެ ފަންނީ ތަޖުރިބާކާރުން ޚިޔާލުބަދަލުކުރުމަށް އެއް މަންސައެއްއެއްގެ ތެރެއިން ފުރުސަތު ފަހިކޮށްދިނުމެވެ. މިއަހަރުގެ ފޯރަމް ފަށްޓަވައި ދެއްވާ ކީ ނޯޓް ސްޕީޗް ދެއްވީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މީގެ އިތުރުން ދެމެހެއްޓެނި ޕެންޝަން ނިޒާމަކާއި ގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް ރޮބާޓް ޕެލާޝިއޯސްވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު