ހުޅުމާލޭގައި "ފުޑް ޓްރަކް" ހިންގަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހުށަހެޅުމުގެ ފުރުޞަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައްވައިފިއެވެ.
އެޗްޑީސީން އާންމުކުރެއްވި އިޢުލާނެއްގައި ވަނީ، "ފުޑް ޓްރަކް" ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. ފުޑް ޓްރަކްތައް ހިންގާނީ "ފިކްސްޑް ފީ" މޮޑެލްއެއްގައި ކަމަށާއި، ބޭނުން މޮޑެލްއެއް ބޭނުން ކުރެވޭނެ ކަމަށް އެ އިޢުލާނުގައި ވެއެވެ.
އަދި، މިކަމަށް އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެނަމަ، އެކޯޕަރޭޝަންގެ ވިސްނުމާއި، މަގުސަދުގެ އިތުރުން އެކޯޕަރޭޝަންގެ މާސްޓަރޕްލޭނާ އެއްގޮތަށް އެ ޚިދުމަތް ދެވޭނެ ބަޔަކު ކަނޑައެޅުމަށް ކަމަށް ވެސް އެޗްޑީސީން ވިދާޅުވެއެވެ.
ފުޑް ޓްރަކް ހިންގަން 12 ސަރަހައްދެއް އެޗްޑީސީން ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ފެރީ ޓާމިނަލް، އެސްޓިއޯ ހޮޓެލް ސަރަހައްދު، ސެންޓްރަލް ޕާކް ސަރަހައްދު، އެޗްޑީސީ ހެޑް އޮފީސް، ފަހިވެނި، ކޮމިއުނިޓީ ސެންޓަރު، ފެހިރެސް ޕާކް، ރެހެންދި ސްކޫލް، ރުއްގަނޑު 1، ރުއްގަނޑު 2، ރެޑްބުލް ޕާކް، ފުތްބޯޅަ ސްޓޭޑިއަމް ސަރަހައްދުގެ އިތުރުން ވޯޓާ ތީމް ޕާކް ސަރަހައްދު ހިމެނެއެވެ.
އެޗްޑީސީން ވިދާޅުވީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.
އެޗްޑީސީން ވިދާޅުވީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާނީ މެއިލް މެދުވެރިކޮށް ކަމަށެވެ.
"ފުޑް ޓްރަކް" ހިންގާ ފަރާތްތަކަށް ހާއްސަ ގައިޑްލައިންސްތަކެއް އެޗްޑީސީން އާންމުކުރައްވާފައިވެއެވެ. މި ގައިޑްލައިނާއި ހިލާފުވާ ފަރާތްތަކުން 5،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެފައިވެއެވެ.