12 ފެބުރުވަރީ 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވްއާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް، އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވްއާ ބައްދަލުކުރައްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވް (އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި)އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމުގެ ކުރިއެރުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން ވަނީ 2021 ވަނަ އަހަރު އެ ޖަމުޢިއްޔާ ރާއްޖޭގައި އުފެދުމަށްފަހު އެޖަމުޢިއްޔާއިން ކުރިއަށް ގެންގޮސްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި މަނީ ލޯންޑަރިން ދެކޮޅަށް މަސައްކަތްކުރުމާއި މާލީކަންކަން ޤަވާޢިދުތަކާ އެއްގޮތަށް ގެންދިއުމާއި އަދި ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީއަށް ބޭނުންވާ ޞިއްހީ އަދި ޤާނޫނީ ޚިދުމަތްތައް ލިބިދިނުންފަދަ ބައެއް ނާޒުކު މައްސަލަތައް ހައްލުކުރުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ ޚާއްޞަ ޕްރޮގްރާމުތަކުގެ ޒަރީއާއިން ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކަށްވެސް އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން މި ބައްދަލުކުރެއްވުމުގައި އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން އިސްލާޙީ ބަދަލުތައް ގެނައުމުގެ ގޮތުން ޝަރުޢީ ދާއިރާއާ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމުގެ ކުރިއެރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންގެ ހިއްސާ މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން ދާދިފަހުން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކަށް އިޝާރާތްކުރައްވައި ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދައިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ޤައުމުގެ ކުރިއެރުމަށް މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އުންމީދުއާ ކުރައްވަމުންނެވެ.

އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި އަކީ އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމުޢިއްޔާއެކެވެ. އަދި އެއީ އެމެރިކަން ބާ އެސޯސިއޭޝަންގެ ބައިނަލްއަޤްވާމީ ތަރައްޤީގެ ޕްރޮޤްރާމުގެ ދަށުން އިންޞާފާއި އިޤްތިޞާދީ ފުރުޞަތުތަކާ އަދި ޤާނޫނުގެ ވެރިކަން މެދުވެރިކޮށް އިންސާނީ ކަރާމާތް ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރާ ޖަމުޢިއްޔާއެއް ވެސް މެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު