30 އެޕްރީލް 2025
ހުޅުމާލޭގެ ދުވާރުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒު ނަގަން އިލްތިމާސްކޮށްފި، ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދުވާރުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒު ނަގަން އިލްތިމާސްކޮށްފި

ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރަމުން ދިއުމާއި ގުޅިގެން އާއްމުންނަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ، މިފަދަ ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޑީސީއިން ވިދާޅުވީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭ ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓްތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތް ދެމުންގެންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެދުވާރުމަތީގައި އަދި ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ހިދުމަތް ދެމުން ގެންދާތީ، އެކަމުގެ ސަބަބުން އާމުންނަށް ގިނަ ދަތިތައް ކުރިމަތިވާކަމަށާއި އެކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ދުވާރު ބޭނުން ކުރުމާއި، ސްކޫލު ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުން އަދި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްކުރުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލުތަކުން ވެސް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

އެޗްޑީސީއިން ވިދާޅުވީ، މިގޮތަށް ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެކޯޕަރޭޝަނުން ވަނީ އާންމުންނަށް ދަތިވާގޮތަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑި އަދި މޭޒު ފަދަ ތަކެތި ނެގުމަށް އަންގަވާފައެވެ.

ހުޅުމާލޭ މަގުމަތީގެ ދުވާރު މަތީގައި ބަހައްޓާފައިހުރި ގޮނޑި އާއި މޭޒުނަގަން އެޗްޑީސީއިން ވަނީ މީގެކުރިން ވެސް އަންގާފައެވެ. އަދި ވިޔަފާރި ކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު