ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި ހުއްދަ ނުނަގާ އިމާރާތްކުރުމުގެ މަސައްކަތްތައް ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި، މިހާރަކަށް އައިސް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު، އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި ގޯތިތެރޭގެ މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
އެކަން އެގޮތަށް ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސް ކުރައްވާފައިވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ކޯޕަރޭޝަނުން ނަގަންޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާކަން އެކޯޕަރޭޝަނުން ފާހަގަކުރައްވައެެވެ.
“އަދި އެކަމަކީ ހުޅުމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއްކަން ވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.” އެޗްޑީސީން ވިދާޅުވިއެވެ.
އެހެންވެ، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ހަދަން ފެށުމުގެ ކުރިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.
އަދި ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބިންތައް ބޭނުންކުރަމުންދާ ފަރާތްތަކާމެދު، ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޯޕަރޭޝަނުން އަޅާނެ ކަމަށް ވިދާޅުވިއެވެ.