މިދިޔަ މެއިމަހުގެ ނިޔަލަށް ދައުލަތަށް 15.4 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށާއި މި ފައިސާ ދައުލަތަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވީ އަންގާރަދުވަހު ބާއްވާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ މީރާއަށް ނުލިބި ހުރި 15.4 ބިލިއަން ރުފިޔާއާއި ގުޅޭގޮތުން ސުވާލުކުރުމަށްކަމަށް ނާޒިމް ވިދާޅުވިއެވެ.
In Tuesday's hearing PAC will hear from MIRA CG re uncollected revenue. As of end of May uncollected amount is RF 15,445,526,584.29. There are no 2 ways, we have to collect the dues. And we will get to the bottom of this. pic.twitter.com/peXF3VjXFx
— Ahmed Nazim (@MP4Dhiggaru) July 27, 2024
ޓެކްސް އާމްދަނީގެގޮތުގައި 7.7 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު، ޓެކްސް ނޫން އާމްދަނީގެގޮތުގައި 7.6 ބިލިއަން ރުފިޔާ ނުލިބި ހުރިކަން ފާހަގަކުރައްވަމުން، ދައުލަތަށް ނުލިބި ހުރި ފައިސާގެ މައްސަލައަކީ އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއްކަމަށާއި، މި މައްސަލައިގެ އެންމެ ފުނަށް ފީނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިސާ މި ސަރުކާރުން ހޯދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މި ފައިސާ ހޯދިއްޖެނަމަ، މިއީ ދައުލަތުގެ ދަރަނީގެ މައްސަލަ އެއްކޮށްހެން ހައްލުކުރެވޭނެވަރުގެ އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާ ފައިސާތަކެއްކަމަށާއި، މި ސަރުކާރުން މި ފައިސާ ހޯދާނެ ކަަމަށާއި، މި ފައިސާ ހޯދުމަށް ކޯޓަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށެވެ. އެހެންނަމަވެސް އެހާ ހިސާބަށް ނުގޮސް މި އަދަދުގެ ދެބައިކުޅަ އެއްބައި ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.



