10 ފެބުރުވަރީ 2026
މާލެ ފަހި ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިފުތިތާޙްކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

ޓްރެފިކް މައްސަލާގައި ފިޔަވަޅު އަޅަނީ ހުރިހާ ރައްޔިތުންގެ ލާބައަށް: ވަޒީރު

ޓްރެފިކް މައްސަލަތަކާ ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ޙައްގުގައި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެއްކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލޭގެ ޓްރެފިކް ޙާލަތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ މިހާރު އޮތީ، މާލޭގައި ދިރިއުޅެންވެސް ދަތިވާ މިންވަރަށްކަމަށެވެ. މި މައްސަލަ މިހާ ބޮޑަށް ގޯސްވެގެން ދިޔައީ ނިމުނު ސަރުކާރުގައި

ޤަވާއިދުތަކުގެ ބޭރުން ވެހިކަލް ހުއްދަ ދޫކުރުމާއި ގަރާޖު ސިޓީ ދޫކުރުމުގައި އުސޫލުތަކާއި ޚިލާފުވެފައިވުމުންކަމަށް ވަޒީރު ތުޙުމަތުކުރެއްވިއެވެ. އޭގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ވެހިކަލްތައް ތޮއްޖެހި އަދި މަގުތަކަށް ދޫކޮށްލާފައިވާ ގިނަ އަދަދެއްގެ ވެހިކަލްތަކާއެކު މަގުތައް ކުނި ގޮނޑަކަށް ވެފައިވާ މައްޒަރު ފެންނަމުންދާކަމަށް އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަމައެކަނި އުސޫލެއް ހަދާލައިގެން ކަންކަން ޙައްލުވާ މިންވަރަށްވުރެ ޓްރެފިކް މައްސަލަ ބޮޑުވެފައިވާކަމަށެވެ. އޭގެ ބަދަލުގައި މައްސަލަ ޙައްލުކުރުމުގައި ޢަމަލީ ސިފަ ޖައްސައި، ހަރުދަނާ ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަޅާ ފިޔަވަޅުތަކަކީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅޭވޭނެ ގޮތެއް ހޯދައިދިނުމަށް ކޮންމެހެން އަޅަން ޖެހިފައިވާ ފިޔަވަޅުތަކެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ޓްރެފިކް މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގައި މިހާރުވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާއިރު ރައްޔިތުންނާއި އަދި ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މާލެ ފަހި" ޕްރޮގްރާމް މިހާރުވަނީ އިފްތިތާޙްކޮށްފައެވެ. މިއީ ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު