ތެދުވެރި މުސްލިމު އަޅުތަކުން ކުރެ އަޅެއްގެ ފާފަތައް ދުނިޔޭގައި ﷲ ފޮރުއްވާދެއްވަތެވެ. އަދި އާޚިރަތުގައި އެއަޅެއްގެ ފާފަތައް އެކަލާނގެ ފުއްސަވާދެއްވަތެވެ.
ޢަބްދު ﷲ ބްނު ޢުމަރު (73ހ.) – رَضِيَ اللَّهُ عَنْهُمَا – ގެ އަރިހުން އައިސްފައިވެއެވެ. ﷲ ގެ ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ:
«ހަމަކަށަވަރުން ﷲ ގެ ގާތަށް މުއުމިނު އަޅާ ގެންނަވާ، އޭނާއާ އެކަލާނގެ ކައިރިވެލައްވަތެވެ. އަދި އެކަލާނގެ އެއްފަރާތް އޭނާގެ ގައިގައި އަޅުއްވާ، ނުވަތަ އެކަލާނގެ އަތްޕުޅުން ރައްކާތެރިކަމާއި ހިޔާގެ ފަރުދާ އޭނާގެ މައްޗަށް އަޅުއްވާ، (ޚަލްޤުތަކުންނަށް) އޭނާ ފަރުދާކޮށް ފޮރުވައި ވަންހަނާ ކުރައްވަތެވެ.
ދެން ފަހެ އޭނާއަށް އެކަލާނގެ ބަސްވަޙީ ކުރައްވާނެތެވެ: "(ތިބާ ކޮށްފައިވާ) މިވެނި ފާފައެއް ތިބާ ދަންނަން ހެއްޔެވެ؟ އެވެނި ފާފައެއް ތިބާއަށް އެނގޭ ހެއްޔެވެ؟"
ދެން އޭނާ ދަންނަވާނެއެވެ: "އާދޭހެވެ. އޭ އަޅުގެ ރައްބެވެ."
ދެން އެހެން ގޮސް އޭނާގެ ފާފަތަތަކަށް އޭނާ އިިޤްރާރުވެއްޖައުމުން، އަދި އޭނާ ދެން ހަލާކުވެއްޖެކަމަށް އޭނާގެ ނަފްސުގެ ތެރޭގައި އޭނާއަށް ފެނި އެހެން އޭނާއަށް ދެކެވެއްޖެއުމަށް ދާންދެނެވެ.
(ދެން) އެކަލާނގެ ބަސް ވަޙީކުރައްވަތެވެ: "ދުނިޔޭގައި ތިބާއަށް އެފާފަތައް ތިމަން އިލާހު ފޮރުއްވާދެއްވީމެވެ. އަދި މިއަދު ތިބާއަށް އެފާފަތައް ތިމަން އިލާހު ފުއްސަވާދެއްވަމެވެ." ދެންފަހެ އޭނާގެ ހެޔޮކަންތަކުގެ ފަތް ދެވޭހުއްޓެވެ.
އަދި ކާފިރުމީހާއާއި އަދި މުނާފިޤުންނާ މެދުގައި ދަންނައެވެ. ފަހެ ހެކިވެރިން ބުނާނެތެވެ: ﴿وَیَقُولُ ٱلۡأَشۡهَـٰدُ هَـٰۤؤُلَاۤءِ ٱلَّذِینَ كَذَبُوا۟ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِینَ﴾
"އަދި ހެކީން ބުނާނެތެވެ. އެއުރެންގެ ރައްބުގެ މައްޗަށް ދޮގުހަދައިގެން އުޅުނު މީހުންނަކީ މި ތިބީއެވެ. ނާ ހަމަ އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލަޢްނަތު ހުއްޓެވެ."
[سورة هود: 18]»
[صحيح البخاري: 2441، صحيح مسلم: 2768]
މިއީ، ޓެލެގްރާމް ޗެނަލް "ފައިދާ" އަށް ޕޯސްޓްކޮށްފައިވާ ލިއުމެކެވެ. މިލިއުމުގެ އަސްލު، ޓެލެގްރާމް ޗެނެލް "ފައިދާ" އިން ބަލައިލެވޭނެއެވެ. މި ލިއުން ޝާއިޢުކޮށްފައި މިވަނީ އެފަރާތުގެ އިޒުނައާއެކުގައެވެ.