ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައުމާއެކު، ހަސީނާގެ ވާދަވެރިޔާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ޖަލުން މިނިވަންކުރުމަށް އެ ޤައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން އަންގަވައިފިއެވެ.
އެ ކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ވަނީ، އުމުރުން 78 އަހަރުގެ ޚާލިދާ މިނިވަންކުރަން ނިންމީ އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުމަކަށް ފަހުގައި ކަމަށެވެ. އޭނާ މިނިވަންކުރަން ނިންމި ބައްދަލުވުމުގައި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ވާކިރުއްޒަމާންގެ އިތުރުން ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ވެރިޔާ އަދި ބީއެންޕީ އާއި ޖަމާއަތުލް އިސްލާމީ ޕާޓީ އަދި އިދިކޮޅު އެހެންވެ ބައެއް ޕާޓީތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބަޔާނުގައި ވާގޮތުގައި، ރައީސް ޝަހާބުއްދީން ވަނީ ބަންގާލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ޗެއާޕާސާން ބޭޣަމް ޚާލިދާ ޒިއާ ވަގުތުން މިނިވަންކުރުމަށް ވަނީ ނިންމަވާފައެވެ.
ހަސީނާއަށް އެންމެ ބޮޑު ޗެލެންޖަކަށް ވި އަދި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ބޭޣަމް ޚާލިދާ 2018 ވަނަ އަހަރު ވަނީ ޚިޔާނާތުގެ ތުހުމަތުގައި 17 އަހަރަށް ޖަލަށް ލާފައެވެ. ޚާލިދާ
ޖަލަށް ލި އިރު ވެސް އޭނާ އުޅުއްވަމުގެން ގެންދެވީ އާލާސްކަންފުޅާ ކަމަށްވުމުން އޭނާ އޮންނެވީ ހޮސްޕިޓަލްގައެވެ.
ދާދި ފަހުން އައު ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ އިތުރު 91 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ޤައުމުގައި މިފަހުން ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށީ، ބަންގްލަދޭޝް 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަން ކުރުމަށް ހަނގުރާމަ ކުރި ބަތަލުންގެ ގާތްތިމާގެ މީހުންނަށް ސަރުކާރުގެ ބައެއް ވަޒީފާތައް ޚާއްސަ ކުރުމުގެ ނިޒާމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ މުޒާހަރާތައް ހޫނުވެ، 25އަށް ވުރެ ގިނަ މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ޖުލައި މަހު ފެށި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 200އަށް އުފުލިފައެވެ. އެ މުޒާހަރާތައް ހުއްޓުވަން ޙަސީނާގެ ސަރުކާރުން ވަނީ ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ހަތިޔާރު އެޅި ސިފައިން ނެރެފައެވެ. ނަމަވެސް, މުޒާހަރާތައް އަލުން ފަށާފައި ވަނީ ސަރުކާރާ ދެކޮޅު އެއްވުންތަކެއްގެ ގޮތުގައެވެ.
170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ އަޑީގައި ތިބީ އިދިކޮޅު ޕާޓީތައް ކަމުގައި ޙަސީނާ ތުހުމަތު ކުރައްވައެވެ. މުޒާހަރާތަކާ ގުޅުވައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ގިނަ ޢަދަދެއްގެ އިސްވެރިން ހައްޔަރު ކޮށްފައިވާއިރު, ސަރުކާރުން ވަނީ ޖަމާޢަތް އަލް-އިސްލާމީ ޕާޓީ މަނާކޮށް, އެ ޕާޓީ އުވައިލުމުގެ މަސައްކަތް ވެސް ފަށާފައެވެ.