ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްޤީއަށްވުރެ ޑަބަލް ތަރައްޤީ ރައީސް ޑރ. މުއިއްޒުގެ މި ވެރިކަމުގެ ގެނެސްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ތަރައްޤީގެ ރޮނގުން ރާއްޖެއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.
ޢަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިސާދީ ހާލަތު އޮތީ ރަނގަޅަށް ނޫން ކަމަށާއި، އެ ހާލަތުން ރަނގަޅު ހާލަތަކަށް އިޤްތިޞާދު ގެންދިޔުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ޒަމާއަތުގެ ތަރައްޤީ ދެގުނަ ކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނު ދަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ރައީސް މުޢިއްޒުއާ ގުޅޭގޮތުން މިހާރު ދައްކަވަމުންގެންދަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ލީޑަރަކު ލީޑަރަކަށް ވަނީ ފަހަތުގައި އިހްލާސްތެރި ބަޔަކު ތިބިމުންކަަމަށާއި ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ދިފާޢު ކުރެއްވުމުގައި ސާބިތުވެ އެމަނިކުފާނު ހުންނަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ނުކުރާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާއިރު އެ މަސައްކަތްތައް ހިނގަނީ ރައްޔިތުންނާއި ރައީސް ބޭނުންފުޅުވާ ގޮތަށް ކަމަށެވެ.
އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ރައްޔިތުން ގެންނެވީ ބޮޑު ތާއީދާއެކުކަން ފާހަގަކުރައްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބީގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ޔާމީނުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީނުގެ އަރިހުގައި މިހާރު އިޚްލާސްތެރިން ނެތް ކަމަށާއި މަލީހާއި ޖަމީލަކީ ރައީސް ޔާމީނަށް އިޚްލާސްތެރިވާނެ ބައެއް ނޫން ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.