އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ 6 މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރީ ޚާރިޖީ ވުޒާރާގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ.
* އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓް
* ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ
* ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
* ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
* ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
* ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން ބައްދަލުކުރައްވައި ނެރުއްވި ބަޔާނެއްގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި މިހާތަނަށްވެސް އެކި ދާއިރާތަކުން އެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި އިޤްތިޞާދާއި ޓްރޭޑް އެންޑް އިންވެސްތްމަންޓުގެ ދާއިރާއާއި ތައުލީމާއި މީހުން ބިނާކުރުމާއި ޞިއްޙަތާއި ފަތުރުވެރިކަމާއި ކުޅިވަރާއި ދިފާޢީ ދާއިރާއާ ގުޅުންހުރި ކަންކަމާއި ދެ ޤައުމުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރު ވިދާޅުވީ ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ދެ ޤައުމުން ގުޅިގެން ކުރާ ކަންކަމުގެ އަސަރު ރައްޔިތުންގެ ދިރިއުޅުމަށް ސީދާގޮތުން ކުރާކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރައްވާ ކޮންމެ ފަހަރަކު ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތައް ބައްލަވައި އެދާއިރާތަކުން ޤައުމުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާކަން ފާހަގަކުރައްވައި ޖަޔަޝަންކަރު ވިދާޅުވީ މިފަހަރުވެސް އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން އަދި ދިފާޢީ ދާއިރާއިން ގުޅިގެން ކުރެވެން ހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިމަހުގެ 11ގެ ނިއަލަށް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ ޚާރިޖީ ވުޒާރާއަށް ވަޑައިގެން ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



