Sunday, 15 September 2024
ޢަބްދުالله ބިން އިމްޖާދު - ޒުވާން ޚަޠީބު ޕްރޮގްރާމްގެ ބައިވެރިއެއް

ދަރިވަރު ޢަބްދުالله ބިން އިމްޖާދު ގޮވި ބަންގީގައި ވަނީ ހަމަހިމޭންކަމާއި އޭގެ ފުރިހަމަ އަސަރެވެ!

ޒުވާން ޚަޠީބު ޕްރޮގްރާމްގެ ބައިވެރިއެއް ކަމަށްވާާ ޢަބްދުالله ބިން އިމްޖާދު ގޮވި ބަންގީގައި ވަނީ ހަމަހިމޭންކަމާއި އޭގެ ފުރިހަމަ އަސަރެވެ.

ސޯޝަލް މީޑިޔާގައި އިސްލާމިކް މިނިސްޓްރީން ޙިއްސާކުރެއްވި ޕޯސްޓެއްގައި އިމްޖާދުގެ ބަންގި ވީޑިއޯއާއެކު ގެނެސްދީފައިވެއެވެ. އޭނާގެ ބަންގީގައި ވަނީ މަޑުމައިތިރި ކަމާއި ޚުޝޫޢަތްތެރި ކަމުގެ ފުރިހަމަ އަސަރެވެ. އަޑު އަހާލަން ފަސޭހަ ރީތި ރާގެއްގައި އޭނާ ބަންގި ގޮވަމުން ދިޔައިރު އަހަރެމެންގެ ހިތްތަކަށް ވެރިވީ އިސްލާމީ ޝިޢާރުގެ މަތިވެރިކަމެވެ. މާތް ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ ޝުޢޫރުތަކެވެ. ނަމާދަށް ދޭންޖެހޭ އިސްކަމާއި އެކަމަށް ބަހައްޓަންޖެހޭ ފަރުވާތެރިކަމުގެ ރަނގަބީލެވެ.

އޭނާގެ ބަންގިން ހިތްތައް މަޑު މޮޅި ކުރުވައިފިއެވެ. އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށް ހިތުގެ އެންމެ ހިމަ ނާރަށް އަސަރުކުރުވައިފިއެވެ. ހެދިބަޮޑުވަމުން އަންނަ ކުދިންގެ ފަރާތުން މިފަދަ ހުނަރުވެރިކަމާއި ޝަޢުޤުވެރިކަމެއް ފެނިގެން ދިއުމީ އިސްލާމީ މި ލޮބުވެތި ޤައުމުގެ މުސްތަޤްބަލަށް އެޅިގެންދާ ހަރުދަނާ ބިންގަލެކެވެ. އެއީ ޤައުމުގެ ހައިބަތާއި އިސްލާމީ ދަންމަރުން ހިތްތައް ރޯޝަންކޮށް، ކުރިމަގަށް ވާސިލުކޮށްދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ޝައްކެތް ނެތެވެ. ބަންގިއަކީ އިސްލާމް ދީނުގެ ޝިޢާރެކެވެ. ބަންގީގެ ވާހަކަ ފެށިގެން އަންނަނީ ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވި ޒަމާނުން ފެށިގެންނެވެ. ޢަބްދުﷲ ބިން ޒައިދު އަށް ފެނިވަޑައިގަތް ހުވަފެންފުޅާ ގުޅިގެން ރަސޫލާ ﷺ ގެ އަމުރުފުޅަށް އެންމެ ފުރުތަމަ ބަންގި ގޮވައިދެއްވީ ބިލާލް އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް 1400 އެތައް އަހަރެއް ވެގެން ދިޔައިރުވެސް ބަދަލެއް އައުމެއް ނެތި އިސްލާމީ މުޖްތަމަޢުތަކުގައި ދަނީ މި ޝިޢާރުގެ އަޑު ގުގުމަމުންނެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. މި މަތިވެރި ޝިއާރު ދަނީ ރާއްޖޭގެ ޖައްވުގައި ގުގުމަމުންނެވެ. ރާއްޖޭގެ މިސްކިތްތަކުގައި ބަންގީގެ އަޑު ކެނޑިގެން ނުދާނެ ފަދައިން ސަރުކާރުތަކުން މަސައްކަތް ކުރައްވައެވެ.

އެ ގޮތުން މިސަރުކާރުން ކުރިއަށްގެންދަވާ ޒުވާން އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެކެވެ. ޒުވާން ޚަޠީބުން އުފެއްދެވުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދެވަނަ ބުރުގައި ބައިވެރިވި ޒުވާނުންނަށް ބާއްވާ ތަމްރީނު ޕްރޮގުރާމް މިހާރު ކުރިއަށް އެބަ ގެންދަވައެވެ.

ދެވަނަ ބުރުގެ ތަމްރީން ޕްރޮގުރާމް މާލޭގެ އިތުރަށް އައްޑޫގައި ވެސް ކުރިއަށް ގެންދެއެވެ. ޒުވާން ޚަޠީބުންގެ ދެވަނަ ބުރަށް ފުރުސަތު ހުޅުވައިލުމުން 200އަށް ވުރެ ގިނަ ޒުވާނުންވަނީ ފޯމު ހުށައަޅައިފައެވެ. މިހާރު ތަމްރީން ފަށައިފައިވަނީ ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން އިމްތިހާނުން ފާސްވި ފަރާތްތަކަށެވެ.

ޒުވާން ޚަޠީބުންނަށް ކުރިއަށް ގެންދާ ތަމްރީނުގެ ތެރެއިން ނަމާދާއި، ދީނާ ގުޅޭ ގިނަ ކަންކަން ކިޔައިދޭ ގޮތަށް ވަނީ ފަރުމާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު