މިއަހަރު ނިމުމުގެ ކުރިން މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް ފައްޓަވާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވަރަށް ގިނަ މަޝްރޫޢުތަކުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ. އެހެންވެ ސަރުކާރުން އިސްކަމެއް ދިނީ އެ މައްސަލަތައް ހައްލުކޮށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކަމަށާއި މިސަރުކާރުން ރާވާފައިވާ ކަންކަން ކުރުމަށް ފުރުސަތު ލިބޭނީ އެ މަސައްކަތަށްފަހު ކަމަށެވެ.
މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ އައު މަޝްރޫޢެއް ފެށޭނެ ކަމަށާއި މިދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 85000 ހައުސިންގ ޔުނިޓް ގާއިމުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިސަރުކާރާ ހަވާލުވިއިރު ވަރަށް ގިނަ މަޝްރޫޢުތައް ފެށިފައިހުރި، ހުއްޓިފައި ހުރި. އެހެންވީމަ އަޅުގަނޑުމެންނަށް އެހެން މަޝްރޫޢަކާއިގެން ކުރިއަށްގެންދެވެން އޮތީ އެ މައްސަލަތައް ހައްލުކޮށް އެ މައްސަލަތަކަށް ގޮތެއް ހޯދައިދީފައި ކަމަށް އަޅުގަނޑުމެން ދެކޭތީ އެ މަސައްކަތް މިހާރު ކުރިއަށް މިގެންދަނީ. އެހެންވެ ތިބޭފުޅުންނަށް ފެނިވަޑައިނުގަންނަވަނީ އަޅުގަނޑުމެން އައު މަޝްރޫޢެއް ފެށިގެން ކުރިއަށްގެންދާތަން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ.ހައިދަރު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ގޯތި ދޫކޮށްފައި ހުރި ގޮތުން މިސަރުކާރުން ބޯހިޔާވަހިކަމަށް ރާވާފައިވާ ކަންކަމަށް ފުރުސަތު ގެއްލިފައިވާކަމަށް ވިދާޅުވިއެވެ.
"ގޯތި ލިބުނު އެންމެންނަށް ގޯތި ހަވާލުކުރާނަން. އެއީ އެފަރާތްތަކުގެ ހައްގެއް ކަމަށް ދެކެން. މިހާރު އުޅެނީ އެޑްމިނިސްޓްރޭޓިވް މައްސަލަތަކެއް. ގޯތިތައް ދީފަ ހުރީ ކަނޑު ފަޅުން. ކަނޑު ފަޅުން މީހުންގެ މައްޗަށް ރަޖިސްޓްރި ނުކުރެވޭ" ޑރ. ހައިދަރު ވިދާޅުވިއެވެ.
ގިރާވަރުން 5187 މީހުންނަށް ގޯތި ދިނީ ފަޅުތެރެއިން ކަމަށާއި، އޭރު ގޯތި ލިބުނު އެއްވެސް ފަރާތެއް އުނިނުވާނެހެން މި ސަރުކާރުން މާލޭ ރަށްވެހިންނަށް ހަވާލުކުރާނީ، ފަޅު ހިއްކާ، ހިކިފަސް ބިމުން ކަމަށާއި، ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް ނޭނގޭ ކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.