Sunday, 15 September 2024
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮޓޯ: މަޖިލިސް

އެމްޑީޕީ ސަރުކާރުން ގޯތި ދޫކުރީ ކަނޑުގެ އަޑިއަކުން ނޫން؛ ތިލަ ފަޅަކުން: އެމްޑީޕީ މެންބަރު ނާޒިލް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ގޯތި ދޫކުރީ ކަނޑުން ނޫން ކަމަށާއި، ގޯތި ދޫކޮށްފައިވަނީ ތިލަފަޅަކުން ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ކަން ހިނގާފައިވާ ގޮތާބެހޭ ގޮތުން މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ މިއަދު ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު މަޖިލީހަށް ވަޑައިގެން ވަރަށް ޤަބޫލު ނުކުރެވޭ ގޮތަށް ޖަވާބުތައް ދެއްވާފައިވާ ކަމަށެވެ.

"މިދިޔަ ސަރުކާރުން ކަނޑުތަކުން ގޯތިތައް ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވި. ހަގީގަތުގައި ކަނޑުން އެއްވެސް ގޯއްޗެއް ދޫކޮށްފައި ނުވާނެ. ގޯތި ދޫކޮށްފައިވަނީ ވަރަށް ތިލަ ފަޅަކުން. ފަޅުގެ ބޮޑުބައެއް ހިއްކުމުގެ މަސައްކަތް އޭރުގެ އެމްޑީޕީ ސަރުކާރުން ކުރަމުން ގެންދިޔައީ. އެ މަސައްކަތް ވެސް ހުއްޓި ފުށިދިއްގަރުފަޅަށް މުޅި އަމާޒު ބަދަލުކޮށް ރައްޔިތުންނަށް އޭރު ދޫކޮށްފައި ހުރި ގޯތިތައް ރައްޔިތުންނާއި ހިސާބަށް ނައިސް މެދުކެނޑިފައިވަނީ." ނާޒިލް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް މުއިއްޒު އިންތިހާބު ވަޑައިގެން ހިސާބުން ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދިނުމުގެ މަސައްކަތް މަޑު ޖައްސާލުމަށް އެމްޑީޕީއަށް އަންގަމުންދިޔަ ކަމަށާއި، މި ސަރުކާރަށް އަހަރެއް ވާން ދާ އިރުގައި ނެރެވުނު ނަތީޖާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

4000 ފްލެޓްގެ ފޯމްތައް ރިވިއު ކުރުމުގެ މަސައްކަތް ނިމި އެ ހައްގުވާ ފަރާތްތަކުގެ ލިސްޓުތައް ތަރުތީބުކޮށް ލިބޭނެކަމުގެ ޔަގީންކަން އޮއްވާ އެ ލިސްޓް މި ސަރުކާރުން ހިފަހަށްޓާފައިވާ ކަން ފާހަގަކުރައްވަމުން، ރައްޔިތުންނަށް ފެލެޓް ދިނުމަށް މި ސަރުކާރުން ބޭނުންނުވާ ކަމަށާއި އަލުން އެ ފްލެޓްތަކަށް ހުޅުވާލުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރައްޔަިތުން މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގޯތިތަކެއް ދޫކޮށްފައި ނުވާކަމަށާއި، ކަނޑުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ ކަމަށެވެ.

މެންބަރު ކުރެއްވި ސުވާލުގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދޫކުރައްވާފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކަށް ދޫކުރެވޭނީ ކިހާ ހިސާބަކުތޯ؟ އެވެ.

"ގޯތިތަކެއް ނޫން ދެއްތޯ ދޫކޮށްފަ ހުރީ. ކަނޑުން ދޫކޮށްފަ ހުރި އެއްޗަކަށް ގޯއްޗެކޭ ނުކިޔޭނެ. ފަޅުން ދޫކޮށްފަ ހުރި އެއްޗަކަށް ގޯއްޗެކޭ ނުކިޔޭނެ. އެހެންވީމަ މިސަރުކާރު އައިސް ބިން ހިއްކައިގެން ގޯތިތަކަކަށް މިބަދަލުކުރަނީ." މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް 2 އަކުން ދޫކޮށްފައިވާ ގޯތިތައް ބަހާފައިވާއިރު، ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާއި، ބައެއް މަގުތަކުންނާއި، ގޯޅިތަކުންވެސް ގޯތިތައް ދޫކޮށްފައިވާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ބައެއް ގޯތިތަކުގެ ތެރެއަށް ކަރަންޓު ފޮށިތައްވެސް ވަންނަކަމަށެވެ. މި ބަދަލުތައް ގެނެސް މިހާރުވެސް ހުޅުމާލެ ފޭސް 2 އަކުން 1،407 ގޯތީގެ ތެރެއިން މިހާރުވެސް 623 ގޯތި މިހާރުވެސް ދޫކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޮކްޓޯބަރ މަހުގެ ނިޔަލަށް ފޭސް 2 ގެ ހުރިހާ ގޯތިތަކެއް ދީ ނިންމާލެވޭނެކަމަށް ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރު 699 ގޯތި ދޫކޮށްފައިވަނީ ފަޅުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މީހެއްގެ ނަން މައްޗަށް ފަޅު ބައެއް ރަޖިސްޓްރީ ކުރެވޭނެ އުސޫލެއް އަދި ނޯންނަކަމަށެވެ. ޒިންމާދާރު ސަރުކާރަކުން މިހެން ކަންތައް ނުކުރައްވާނެކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ޒިންމާދާރުކަމާއެކީގައި، ގޯތި ބައްސަވަން، އެހެންވީމަ ހުޅުމާލެ ފޭސް 3 ގެ ފަޅު ގޯތި ލިބުނު 699 މި ސަރުކާރުން ގޯތި ދޫކުރާނީ ބިން ހިއްކުމަށްފަހު ބިމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފޭސް 3 ހިއްކުމުގެ މަސައްކަތް ފެށޭނީ އަންނަ ނޮވެމްބަރު މަހުކަމަށް ހައިދަރު ވިދާޅުވިއެވެ.

މިއަދުގެ ރައްޔަިތުން މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގޯތިތަކެއް ދޫކޮށްފައި ނުވާކަމަށާއި، ކަނޑުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު