30 އެޕްރީލް 2025
ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު / ފޮޓޯ: އެޗްޑީސީ

4000 އުޅަނދު ޕާކްކުރެވޭ ގޮތަށް 15 ޕާކިންގ އިމާރާތް ހުޅުމާލޭގައި އަޅަނީ

ޕާކިންގ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 4000 އުޅަނދު ޕާކްކުރެވޭ ގޮތަށް 15 ޕާކިންގ އިމާރާތް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ގިނަ ކަންތައްތަކެއް އެޗްޑީސީން ރާވަމުންދާ ކަމަށެވެ. އެގޮތުން ކުލި ދައްކައިގެން ބޭނުންކުރެވޭގޮތަށް ބައެއް ޕާކިން ޖާގަ ހަމަޖެއްސުމާއި ވިޒިޓަރސް ޕާކިން ޖާގަތަކެއް ހަމަޖެއްސުމަށްވެސް ރާވަމުންދާކަމަށް ފަޒުލް ވިދާޅުވިއެވެ.

ހުޅުމާލޭގެ ތަރައްޤީގެ ޕްލޭންގެ ދަށުން ޕާކިންއަށް ހާއްސަކުރާ 15 ޢިމާރާތާއެކު ޕާކުކުރާނެ 4000 ޖާގަ ތަނަވަސްވެގެންދާނެކަމަށާއި، ޕާކިން ޢިމާރާތްތައް އަޅަނީ ވިޔަފާރި އުޞޫލުން ކަމަށް ފަޒުލް ވިދާޅުވިއެވެ.

"3 މަސް ދުވަސްތެރޭ އިޢުލާންކުރާނަން މި މަޝްރޫޢު. އަޅުގަނޑުމެންގެ އަމާޒަކީ ހުޅުމާލެ އަދި މާލޭގެ މަގުތަކުގައި ތޮށްޖެހޭ މައްސަލަ ހައްލުކުރުން. މި ޢިމާރާތްތަކާއެކު ހަމަގައިމުވެސް ހުޅުމާލޭގެ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ." ފަޒުލް ވިދާޅުވިއެވެ.

އަމާޒަކީ 15 ޕާކިން ޢިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުން ކަމަށާއި، އެގޮތުން 2 އަހަރު 3 އަހަރުތެރޭ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ހަަމައެހެންމެ، މާލޭގައިވެސް ޕާކިން ޖާގަތަކެއް ހެދުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ސިޓީ ކައުންސިލުން ވަނީ މާލޭގައި ޕާކިން ސަރަހައްދެއް ހެދުމަށް މާފަންނު ސަހަރާ ހުސްކޮށްދޭނެ ފަރާތެއް ހޯދަން މިހާރު އިޢުލާނުކޮށްފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ހެވީ ވެހިކަލަށް ޚާއްސަކޮށް މާލޭ އިންޑަސްޓްރިއަލް ޒޯނުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް މިހާރު ހުޅުވާލާފައިވާއިރު، ސަރުކާރުގެ އެހީގައި 4 ޕާކިން ޢިމާރާތެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު