ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އަހަރެމެން ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން މަސައްކަތްތަކެއް ކުރެއެވެ. ބައެއް މީހުން ޖިމްތަކާއި އެރޮބިކްސް ކުލާސްތަކަށް ދާއިރު އަނެއް ބަޔަކު ގޭގައި ބައެއް ކަސްރަތުތަށް ކޮއްލައިގެން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މަސައްކަތްކުރެއެވެ.
އެހެންނަމަވެސް މާބޮޑަށް ފަލަވުމުން ހިކުން އޮންނަނީ ކޮންމެ މީހަކަށްވެސް އުދަނގޫ ކަމަކަށް ވެފައެވެ. އެތަށް ކަސްރަތަކާއި ކެއުމުގެ ވައްޓަފާޅިއަށް އެތައް ބަދަލުތަކެއް ގެންނަ އިރުވެސް ހަށިގަނޑަށް ބަދަލެއް އަންނަހެން ހީނުވެ ހިތާމަކުރަންޖެހެއެވެ.
ޔުނިވާރސިޓީ އޮފް އެސްޓާން ފިންލެންޑު ،ވީޓީޓީ ޓެކްނިކަލް ރިސާރޗް ސެންޓާރ އަދި ޔުނިވާރސިޓީ އޮފް ހޮންގުކޮންގުއިން ހަދާފައިވާ ރިސާޗުތަކުން ދައްކާގޮތުގައި އޯޓު އަދި ރައި ބުރޭންގައި ވަރަށް ގިނައިން ޑައިޓެރީ ފައިބާ އެކުލެވިގެންވެއެވެ. މި ފައިބާގެ ސަބަބުން ބަޑުގައި އުފެދޭ ފައިދާހުރި މައިކްރޯބްސް ގިނަވެއެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ ސަރުބީ ނައްތާލާ ހިކުމަށް ބޮޑު ބާރެއް ލިބިގެން ދެއެވެ.
އޯޓްސް އަދި ރައި ބުރެން ބޭނުންކޮއްގެން ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރެވެއެވެ. ޕޭން ކޭކު އަދި ސޫޕުގެ އިތުރުން ސުމޫތީވެސް ތައްޔާރުކުރެވެއެވެ. މުޅިދުވަހުގެ ކެއުމުގެ ތެރޭގައި މިދެބާވަތް ހިމަނައިފި ނަމަ ތިކުރާ ކަސްރަތުގެ އިތުރުން ހަށިގަނޑު ހިއްކާލުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ