ޖެހިގެން އައި ދުވަހު ހެނދުނު އަހަންނަށް ހޭލެވުނީ ބާރު އަޑުފަށްގަނޑެއްގެ އަޑަށެވެ. އެއްޗެއް ތަޅުވާ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. އަހަރެންގެ ބޮލުގައި މަރުތޭލަކުން ތަޅާހެން ހީވިއެވެ. ހަމަހިމޭން ވަގުތެއްގައި ހީވާނީވެސް އެހެންތާއެވެ. އަހަރެން ކޮޓަރިތެރެއަށް ވަށައިގެން ބަލައިލީމެވެ. ރޭގައި ދިމާވި ކަންތައްތަކާމެދު އަހަރެންނަށް ފިކުރު ހިންގާލެވުނެވެ. އަހަރެން ކޯތާފަތް މަތީގައި އޭޝްލީން އެތި ފަހަރެއް ޖެހި ހަނދާން އިޔާދަވިއެވެ. އެނދުމަތީގައި އެފުށް މުށަށް ފުރޮޅެލެވުނެވެ. އެހެން ކުއްޖަކާ އެކު ހޭދަކުރެވުނު އުފާވެރި ވަގުތު ތަކާމެދު ވިސްނާލެވުނެވެ. އެއިޙްސާސްތައް ހިތުގެ ތެރޭގަައި ހިނގަން ފެށިއެވެ. އެއީ އޭޝްލީން އެއް ނޫނެވެ.
ކުއްލިއަކަށް އެނދުން ތެދުވެލައި މޯޅިއަށް ދެމިލީމެވެ. ޑްރެސިންގ ޓޭބަލާ ދިމާއަށް ހިނގައިގަތީމެވެ. އަދި ޓީޝާޓެއް ލައިގެން އަވަހަށް ކޮޓަރި ތެރެއިން ނިކުމެލަން ބޭނުންވިއެވެ. އެއީ ކޮން އަޑެއްތޯ ބަލާލުމަށެވެ. އަހަރެން ތިރިއަށް އައިސް ބަދިގެ ތެރެއަށް ވަނީމެވެ. ބަދިގެ ތެރޭގައި އެހުރީ އަންހެން ކުއްޖެކެވެ. އޭނާ މިތަނަށް އައީ ކިހިނަކުން ހެއްޔެވެ؟ ރޭ އެތަނުން ދިމާވިޔަސް މިތަނަށް އޭނާ އަންނަންޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ އަހަރެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ކުޑަ ވަގުތު ކޮޅަކު ހުރީމެވެ. އޭނާއަށް ލިބިފައިވަނީ މުށި ކުލައިގެ ރީތި ފަން އިސްތަށިގަނޑެކެވެ. އެހާމެ ދިގު އިސްތަށިގަނޑެކެވެ.
އޭނާ، އަހަރެން ދަމަހައްޓަމުން އައި އެއް ނަންބަރު ރޫލް މުގުރާލައިފިއެވެ. އަންހެން ކުއްޖެއްގެ ފުށުން މިފަދަ ކަމެއް ފެނިދާނެ ކަމަކަށް އުއްމީދެއް ނުކުރަމެވެ. ކަރު ކެހެލީމެވެ. އަހަރެން އެތަނުގައި ހުރިކަން އަންގާލުމުގެ ގޮތުންނެވެ. މަޑުމަޑުން އެނބުރި އަހަރެންނާ ދިމާއަށް އޭނާ ބަލާލިއެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ.
އަހަރެންގެ ނަޒަރު ހުއްޓުނީ އޭނާގެ ލޮލަށެވެ. އެއީ އޭނާގެ ދެލޮލެވެ. އަހަރެން މިހާތަނަށް ދުށް އެންމެ ރީތި "އައިސް ބްލޫ" ލޮލެވެ. ވިދާ އަލިމުތެއް ފަދަ ލޮލެކެވެ. ބަދިގެ ތެރޭގައިވާ އަލިކަމުގެ ތެރެއިން ވިދާ ބަބުޅަމުން ދަނީ ސާދަ ވިލޭރޭގެ ފަރި ހަނދެއް ފަދައިންނެވެ. ރޭގެ ހަނދާންތައް ހިތުތެރޭގައި ބަންޑުންވިއެވެ. އެ އިޙްސާސްތަކުގެ އޮއިވަރު ލޭގެ ތެރޭގައި ހިނގައި ގަތެވެ.
އެހެނަސް، އެ އުފާވެރި ހަނދާނަށް ކަޅު ހިޔަންޏެއް އެޅިއްޖެއެވެ. އެ އުޖާލާ މޫނު އަނދިރިވެއްޖެ ކަމަށް އަހަރެން ދުށީމެވެ. އެ ލޮލުގެ ވިދުން ގެއްލިއްޖެ ކަމަށް އަހަރެންގެ ހިތަށް ޤަބޫލުކުރެވުނެވެ. އެއީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ނޭނގި އޭނާ މިތަނަށް އައިސް ހުންނަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސް ނެއެވެ. ހިތުގައި ހިނގަންފެށީ ޝައްކާއި ވަހުމުތަކުގެ ކޯރެކެވެ.
އަހަރެން ބޯ އަރިކޮށްލާފައި އަހާލީމެވެ. "އަހަންނަށް ރޭ ކުރެވުނީ ކޮން ކަމެއްތަ؟ ކުރަން ނުޖެހޭ ކަމެއް އަހަރެންނަށް ކުރެވުނީތަ؟"
"ހޫން؟" އޭނާ މޫނު ކުނިކޮށްލިއެވެ.
"ރޭ އެވީ ކަމެއް ވީ… ކީއްވެތަ މިތާ ބަދިގެ ތެރޭގައި ތި އުޅެނީ؟ ބަދިގެ ތެރެއަށް ވަދެވުނީ ކޮން ގޮތަކަށްތަ؟ މިތާ އޮތީ ކޮން ހިތްހަމަ ޖެހުމެއްތަ؟" ހަރުކަށި އަޑަކުން އަހަންނަން ސުވާލުކޮށްލެވުނެވެ. "އެކަމަކު މި އަންހެން ކުއްޖާ މިހެން ވާނެ ކަމެއް ކިހިނެތް އެނގޭނީ." ހިތާހިތާ އަހަންނަށް ބުނެލެވުނެވެ.
އޭނާ ބިއްލޫރި ތައްޓެއް ހިފައިގެން އަހަރެންނާ ދިމާއަށް އައެވެ. އަދި އެ ބިއްލޫރިތަށި އަހަރެންނާާ ދިމާއަށް ދިއްކޮށްލުމަށްފަހު ބިންމައްޗަށް ވައްޓާލިއެވެ. އެ ތަށީގެ ބިއްލޫރި ކޮޅުތައް ތަޅުންގަނޑު މައްޗަށް ފެތުރިގެން ދިޔައެވެ. އޭނާ އަހަރެންގެ ސުވާލަށް ޖަވާބު ނުދީ ބަލަހައްޓައިގެން ހުއްޓެވެ.
"އަހަރެން ސުވާލެއް ކުރިން، އަދި ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރަން."
އޭނާގެ އެ ރީތި ނޫކުލައިގެ ލޮލުގެ ބެބުޅުންތައް އަނދިރި ވެގެންދިޔައެވެ. އަހަރެންނާ ދިމާއަށް ހަޅޭއްލަވަން ފެށި ހިނދު، އޭނާގެ އެ ހަންޖަރެއް ފަދަ ލޮލުން އަހަރެންގެ ހިތް ކޮށައި ކުދިކުދި ކޮށްލިހެން ހީވިއެވެ.
"އަޑު އަހާ! އަހަންނާމެދު ކަލޭ ރޭ ކަންތައް ކުރެވުނު ގޮތް ކަލެއަކަށް ނޭނގޭތަ؟ އަހަރެންނާ ގައިގޯޅިވީ ކޮން ވިސްނުމެއްގައިތަ؟"
އޭނާގެ ތުރުތުލާ ހަލޭކުގެ އަޑަށް އަހަރެން އިސްދަށަށް ޖަހާލައިގެން ހުރީމެވެ.
"ނައިޓް ކުލަބުގައި ކަލޭ މަސްތުވެ، ހަމައިން ނެއްޓުމުން އެތަނުން ބޭރުކޮށްލިކަން ކަލެއަށް ނޭނގޭތަ؟ އަހަރެން ކަލެއަށް އެހީތެރިވެ އޯގާތެރިވާ މީހަކަށް ވިން. އަދި ރައްކާތެރި ކަމާއެކީ ކަލޭ ގެެއަށް ގެނެސްދިނިން. ކަލޭ ހޮޑުލައި ވެއްޓެމުން ދިޔަ. އަހަރެން ކަލޭ ފާޚާނާއަށް ވައްދައި ސާފުކުރީމު. އަދި އެނދުގައި އޮށޯވެ ހަމަޖެހިލެވެންދެން ކަލޭގެ ކައިރީގައި އަހަރެން އިނިން. ކަލޭ މަރުވެގެންދާތަން ބަލާކަން އަހަރެންގެ ހިތަށް ކެތެއް ނުވާނެ.. އަހަރެން ކަލެއަށް އަޅާލަން ބޭނުންވި އަދި ރޭ ހަތަރުދަމު އަހަރެން މިގޭގައި ވަގުތުތައް ހޭދަކުރިން. އަނެއްކާވެސް ހޮޑުލައިހަދާފަނެތީ. އަދި ކުޑަކޮށް ނިދާލުމަށްފަހު އަނެއްކާވެސް ކަލެއަށް ކޮފީއެއް ހަދައި ދިނުމަށް ބަދިގެ ތެރެއަށް ވަނީ."
އަހަރެން އޭނާގެ ވާހަކަތައް އަޑު އަހަން ހުރީމެވެ. އަދި އޭނާއާ ކައިރިވެލީމެވެ. "ތި ބުނަނީ އަހަރެމެން ދެމީހުންގެ ދެމެދު ރޭ އެއްވެސް ކަމެއް ނުވެއޭތަ؟
"އާނ. އެއްވެސް ކަމެއް ނުވޭ.. އަހަރެން ހުރީ ކަލޭ ރަނގަޅު ވަންދެން އިންތިޒާރުކޮށްގެން.. ކަލޭ ހައްދުން ނެއްޓޭ ވަރަށް ބުއި އެއްޗެއް ބުއިމުން ކަލޭގެ ފުށުން އެއްވެސް ކަމެއް ނުވި. އަހަރެންނަށް އެނގޭ އެކަން." އޭނާ ހަމަހިމޭންވިއެވެ.
"މީ ކޮން އަންހެން ކުއްޖެއް؟ މީނާ އަހަރެންނަށް އެހީތެރިވަނީ ކީއްވެ؟" އަހަރެންގެ ހިތް އޭނާއަށް ލެނބިއްޖެއެވެ. ހަމަ އެކަނި އޭނާގެ ރީތި ކަމަކުން ނޫނެވެ. އޭނާގެ އޯގާތެރި ކަމުންވެސް މެއެވެ. އޭނާގެ ހިތްހެޔޮ ކަން އަހަރެންގެ ހިތުގައި ފިރުމާލައިފިއެވެ. މިފަދަ ރަނގަޅު އަންހެން ކުއްޖަކު އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އަހަރެންގެ ހިތުގައި މި ރާގުތައް ހިނގަމުން ދިޔައެވެ. ނާނާއެއްފަދަ މިއުޒިކެއް ފަދައިންނެވެ.
"މީތި ބޯލާ.. ފަނަރަ ވަރަކަށް މިނެޓް ތެރޭގައި އޭރުން ހަމައަކަށް އެޅޭނެ." ހިނިތުންވުމާއެކު އެ އަންހެން ކުއްޖާ ބުނެލިއެވެ.
އެ ފަރި ހިނިތުންވުމުގައި ވަނީ އަސަރެވެ. ތަޅުން މައްޗަށް ބުރައިގެން ގޮސްފައި ހުރި ބިއްލޫރި ކޮޅުތައް އޭނާ ހޮވަން ފެށިއެވެ.
"ނޫން، ތި ބަހައްޓާ. އަތް ކަނޑައިގެން ގޮސްދާނެ." އޭނާ އަހަރެންނަށްޓަކައި މިހާ ދީލަތިވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟
އޭނާ އަހަރެންގެ އަޑެއް ނޭހިއެވެ. ބިއްލޫރި ކޮޅުތައް އޭނާ ހޮވަމުން ދެއެވެ.
"ތިކަން ހުއްޓާލާ!" ހަރު އަޑުން އަހަރެން ބުނީމެވެ.
އޭނާ އަހަރެންގެ އަޑެއް ނޭހިއެވެ. އޭނާ ހުއްޓުވަން އަހަރެންނަށް މަޖުބޫރުވިއެވެ. އޭނާގެ އަތަށް ދަމައިގަތީމެވެ. އަދި އެކަން ހުއްޓަން އެންގީމެވެ. އެވަރުންވެސް ނުހުއްޓިއެވެ.
"އަހަރެން ވަރަށް ދެރަވެއްޖެ މިތަށި ތަޅައިގެން ދިޔައިމަ. އަހަރެން މީގެ ތައްޓެއް ގެނެސްދޭނަން.. ހީކުރަން މިހާރު ތަންކޮޅެއް ރަނގަޅު ކަމަށް.." އޭނާ ދޮރާ ދިމާއަށް ހިނގައިގަތެވެ.
އަހަރެން އޭނާގެ ފަހަތުން ހިނގައިގަތީމެވެ. އޭނާ އަހަރެން ދޫކޮށްދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަނެއްކާވެސް އޭނާއާ އަހަރެން ވާހަކަދައްކަން ފެށީމެވެ.
"މަޑުކުރޭ! އަހަރެންނަށްޓަކައި ކޮށްދިން ކަންތަކަށް އަހަރެން ކަލާއަށް އަގެއް ދޭން ބޭނުން."
އޭނާ އެނބުރި، އެ ރީތި ހަންޖަރެއްފަދަ ދެލޮލުން އަހަންނާ ދިމާއަށް ބަލާލިއެވެ. "އަހަރެން އެއްވެސް އަގެއް ބޭނުމެއް ނޫން."
އަހަރެން އަނެއްކާވެސް ކުއްލިއަކަށް ވިސްނާލީމެވެ. "އަހަރެން އޭނާ ދޫކޮށެއް ނުލާނަން."
"ދިއުމުގެ ކުރިން ކޮފީއެއް ބޯލަން ވީނު."
އޭނާ މަޑުކުރަން އެއްބަސްވުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަހަރެން އޭނާއަށް ކޮފީ ތައްޓެއް އަޅައި އޭނާގެ ކުރިމަތީގައި ބެހެއްޓީމެވެ. އޭނާ އަހަރެންނަށް ތައްޔާރުކޮށްދިން ކޮކްޓެއިލް ތަށި އަހަރެން ކަމުން ދިޔައިމެވެ.
"ކީއްވެ އަހަރެންނަށް އޯގާތެރިވީ؟ އަހަރެންނަކީ ވަރަށް ނުބައި މީހަކަށް ވެދާނެ ކަމަށް ހިޔެއް ނުކުރަންތަ؟"
އޭނާ ބޯ ހޫރާ ލުމަށްފަހު ހިނިތުންވެލިއެވެ. "ކަލޭ ބޭނުންވިޔަސް ރޭ އެކަމެއް ނުވާނެ. ރޭ ކަލޭ އޮތް ހާލާމެދު އަހަރެން ޙަމްދަރުދީވީ. އަހަރެން އެހީތެރި ނުވި ނަމަ ކިހިނެތް ގެއަށް އަންނާނީ."
"ތިހާ އޯގާތެރިވެގެން ކަންތައް ކުރުން ސޭފެއް ނޫނެންނު. މިފަދަ ސިޓީތަކުގަ ތިގޮތަށް އައިސް އެހީތެރިވުން އެހާ ރައްކާތެރިއެއް ނޫނެންނު." ހާސްކަމާއެކު އަހަރެން ބުނީމެވެ.
އޭނާ ކައުންޓަރު މަތީގައި އަތް ބާއްވާލައި، އަހަންނާ ދިމާއަށް ފުން ނަޒަރަކުން ބަލަހައްޓައިގެން އިނެވެ.
"އަހަރެން މި ދައްކާ ވާހަކަ އެބަ އަޑު އަހަންތަ؟"
އަހަރެންގެ ސުވާލަށް ޖަވާބު ނުދީ އޭނާ ހިނިތުންވެލައި ކޮޅަށް ތެދުވިއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ ކޮފީ ތައްޔާރުކޮށްދީނީތީ. އަހަރެން ދެން ގެއަށް ގޮސްލަނީ އިނގޭ. މިސްޓަރ ބުލެކް! އުފާވެރި ދުވަހަކަށް އެދެން. ދެން ފަހަރަކުން އެވަރަށް މަސްތު ނުވާތި!"
"ހޫން" އަހަރެން އޭނާއާ އެކު ލިފްޓް ކައިރިއަށް ދިޔައިމެވެ. "ކޮން ނަމެއްތަ ކިޔަނީ؟"
"އެލެރީ ލޭން"
އެލަރީ ލޭން ލިފްޓަށް އަރައި، އަހަރެންގެ ލޯމަތިން ކަޝްފުވަންދެން އޭނާގެ ހަތަރު ކަޅިއަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ.
ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގާލަމުން އަހަރެން ފުން ނޭވާއެއް ލީމެވެ. ދުވެފައި ގޮސް ސިޑިން މައްޗަށް އަރައި ކޮޓަރިއަށް ވަނީމެވެ. އަވަސް އަވަހަށް ފެންވަރާލައި ޖީންސެއް ލައި ގަމީހެއް ލީމެވެ. ބޫޓަށް އަރާ ގަރާޖާ ދިމާއަށް ދުއްވައިގަތީމެވެ. އޭރުވެސް އެލަރީ ލޭން ބޭރުގައި މަޑުކޮށްގެން ހުއްޓެވެ.
" މިވަނީ ކީއްހެއްޔެވެ؟ އޭނާ އަހަރެން ނިކުންނަންދެން މަޑުކޮށްގެން އެހުރީ ކީއްވެ ހެއްޔެވެ؟
އަހަރެން އޭނާއަށް ހަނާއަޅާލުމަށް ފަހު ކާރަށް އެރީމެވެ. އަހަރެން އޭނާއާ ދޭތެރޭ އިތުރަށް ވިސްނާކަށް ނެތީމެވެ. އޭނާއަކީ ރީތި ކުއްޖެކެވެ. އަހަރެން، ރޭ ގެއަށް ގެނައުމަށް އޭނާ އެހީތެރިވިއެވެ. އެހެންނަމަވެސް، އޭނާ އަހަރެންނަށް އެގޮތަށް އެހީތެރިވީ ކީއްވެ ބާއޭ، މި ސުވާލު އަހަރެންގެ ހިތުގެ ތެރޭގައި އަނެއްކާވެސް ހިންގަންފެށިއެވެ. "އޭނާ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށް ޤަބޫލު ނުކުރަނީ ހެއްޔެވެ؟"
ކޮންމެވެސް ވަރަކަށް ކަރުދާހުގެ މަސައްކަތްތަކެއް ހުރުމުން، ޕެންޓަހައުސްއަށް ދިއުމުގެ ބަދަލުގައި އޮފީހަށް ދިއުމަށް މިސްރާބު ޖެހީމެވެ. ހޮނިހިރު ދުވަސް ކަމުން އިމާރާތްތެރެ ހަމަހިމޭން ވާނެއެވެ. އަދި އެއްވެސް އުނދަގުލެއް ނެތި މަސައްކަތް ކޮށްލެވޭނެއެވެ. ބްލެކް އެންޓަޕްރައިސަސް އަށް ވަދެ ލިފްޓްގެ ބަޓަނަށް އޮބާލީމެވެ. އަހަރެންގެ ފޯނު ނިވޭ އަޑު އިވުމުން ޖީބުން ފޯނު ނަގައި ފޯނަށް ބަލައިލިއިރު އޭޝްލީންގެ މެސެޖެއް ފެނުނެވެ. "އަހަރެން މާފަށް އެދެން، ލޯބީ! އަހަރެންގެ ހިތުގައި ވަނީ ނުތަނަވަސްކަން. ކަންބޮޑުވުން. އަހަރެންނަށް އަމިއްލަ ނަފްސަށް މިހާރު އިތުބާރެއް ނުކުރެވޭ. ރޭ ދިމާވި ކަންތަކުން އެކަން މާ ބޮޑުވެސް ވެއްޖެ. އަހަރެން އިތުރަށް ކަލާއާ ގުޅުން ބޭއްވުމުގެ މާނައެއް ނެތް. އަހަންނަށް މިދުނިޔެއިން އޮތީ ކޮން އުފަލެއް؟ ކޮނަރ"
އަހަރެން ކޮޅަށް ތެދުވެ ހިނގައިގަތީމެވެ. " އޭޝްލީން، ތިހެން ވާހަކަ ނުދައްކާ! ކަލެއަށްވެސް ހަމަ ރަނގަޅު ފުރުޞަތުތަކެއް ދިނިން. މިތަނުން ވަޒީފާވެސް ދިނިން. މިތަނުންދޭ މުސާރައިގެ އިތުރަށް އަހަރެން އަމިއްލައަށްވެސް ކަލެއަށް އެހީވަން. އަދި ހަފުތާއަކު ތިން ފަހަރު ކަލެއަށް އަހަންނާ ބައްދަލުކުރެވޭނެ. އަހަރެންނަކީ ކާކު ކަން އޭޝްލީންއަށް އެނގެންވާނެ. އަހަރެން ދަމަހައްޓާ އުސޫލުތަކެއް ހުރިކަންވެސް ޤަބޫލުކުރަންވާނެ."
"އެނގޭ ތިކަން. އެކަމަކު، އަހަރެންނަށް މިދުނިޔެއިން އެއްވެސް ޖާގައެއް އޮތް ކަމުގެ އިހްސާސެއް އަހަންނަކަށް ނުވޭ. ކޮނަރ."
މިހެން އޭނާ ބުނެފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. އޭނާގެ ވާހަކަތަކުން އަނެއްކާވެސް އަމާންޑާގެ ހަނދާންތައް އާވެއްޖެއެވެ. އަމާންޑާއަށް ވީފަދައިން ކަންތައް ވާން ބޭނުންވާތީ އޭނާގެ ޑިމާންޑްތަކަށް އަހަރެންވެސް ހެއްލުނެވެ.
"ރަނގަޅު އޭޝްލީން! މަހު މުސާރަ ދެގުނަ ކޮށްލާނަން، އެކަމަކު އަހަރެން ބޭނުންވަނީ އެ ފައިސާއިން ދިރިއުޅުމުގައި ކަމެއް ކުރަން. އެކަމަށް ވައުދުވާންވާނެ. ކޮންމެވެސް ކްލާސްތަކެއް ނަގައިގެންވެސް ތި ކަމުން އަރައިގަނޭ."
"އަހަންނަށް އެނގުނު ކަލެއަށް ވިސްނޭނެކަން، ކޮނަރ. ހުރިހާ ކަމަކަށް ޝުކުރިއްޔާ، އަދި ތި ދެއްކި ވާހަކަތަކަށް އަޅުގަނޑު ބަލާނަން."
"އަހަރެން ދާން ޖެހިއްޖެ އޭޝްލީން؛ އަހަރެން ބިޒީ ވަރަށް، އަދި ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި."
ފޯނު ކަނޑާލަމުން މޫނުގައި ފިރުމާލީމެވެ. "އަހަރެން އަމިއްލައަށް ކޮން އަލިފާންގަނޑެއްގެ ތެރޭގައި މިއުޅެވެނީ" އިށީނދެ އިނދެ އަހަރެން އަމިއްލަ ނަފްސާ ސުވާލުކޮށްލީމެވެ.
އަހަރެންގެ މަސައްކަތްތާއިގެން ކުރިއަށް ދެވޭތޯ ބެލީމެވެ. އެހެންނަމަވެސް ކުއްލިއަކަށް އަނެއްކާވެސް އެލެރީއާއާ މެދު ވިސްނާލެވިއްޖެއެވެ. ހަޤީޤަތުގައިވެސް އޭނާ ރޭ ކޮށްދިން ކަންތަކަށް އަހަރެން ޝުކުރުވެރިވާންޖެހެއެވެ. އޭނާ އަހަރެންގެ އަތުން އެއްވެސް އުޖޫރައެއް ބޭނުމެއް ނުވިއެވެ. އޭނާ އަހަރެންނަށް އެހީތެރިވުމަށްފަހު އިތުރަށް އެންމެ ވަގުތުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނުވިއެވެ. އަހަރެން އޭނާއަށް ޑިނަރ އެއް ދޭނަމެވެ. ރަނގަޅު ރެސްޓޯރެންޓެއްގައެވެ.
ކާސަން ވިލިއަމްސް އަކީ އަހަރެންގެ ރަހުމަތްތެރިއެކެވެ. އަދި ލެ ސޫރުގެ ވެރިއަކީ އޭނާއެވެ. އަހަރެން އޭނާއަށް ގުޅައިގެން އެރޭގެ 7:30 އަށް ދެމީހުންނަށް ރިޒަރވޭޝަން ހެދީމެވެ. އަހަރެން އޭނާއަށް އޮޕްޝަނެއް ދޭކަން ބޭނުމެއް ނުވިއެވެ. ފޯނުން ގުޅައިފިއްޔާ އަހަރެންގެ ދަޢުވަތު ޤަބޫލުނުކޮށްފާނެތީ އަހަރެން ނިންމީ މެސެންޖަރ މެދުވެރިކޮށް ދައުވަތު ފޮނުވުމަށެވެ. އަވަސް އަވަހަށް ކޮމްޕިއުޓަރުގައި ނޯޓެއް ޓައިޕް ކޮށްލީމެވެ.
"މިސް ލޭން، އަހަރެންނަށް ރޭގަ ތިޔަ ދެއްވި ޚިދުމަތަށް ރަނގަޅަށް ޝުކުރު އަދާކުރަން ބޭނުން. އަހަރެން ތިޔަބޭފުޅާގެ އިންތިޒާރުގައި ލެ ސޫރް ރެސްޓޯރެންޓުގައި ހުންނާނަން. އަހަރެންގެ ޑްރައިވަރު މިރޭ 7:00 ގައި ބަލައި ފޮނުވާނަން. ލޯތްބާއެކު ބްލެކް"
އަހަރެން ޕްރިންޓަރުން ކަރުދާސް ނަގައި ރީތިކޮށް ފަތްޖަހާލުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށްލީމެވެ. ސިޓީ އުރައިގެ ބޭރުގައި އޭނާގެ ނަން ލިޔެލުމަށްފަހު އަހަރެން މިސްރާބު ޖެހީ އިމާރާތުން ބޭރަށް ދިއުމަށެވެ. އަހަރެން ޖަސްޓިންއަށް ގުޅައި، ސްޓާބަކްސްގައި އަހަރެންނާ ބައްދަލުކުރަން އެދުނީމެވެ.
ޖަސްޓިން އަކީ އަހަރެންގެ ކުންފުނީގެ އިންޓަރންއެއް ކަމުން އަހަރެންގެ ސެކްރެޓަރީ ނެތް ޙާލަތެއްގައި، ދޭތެރެ ދޭތެރެއިން އަހަރެންގެ އަމިއްލަ ކަންކަން އޭނާ ކޮށްދޭނެއެވެ.
"ގްޑް އާފްޓަރނޫން، މިސްޓަރ ބުލެކް." މޭޒުކައިރީގައި އިށީންނަމުން އޭނާ ބުންޏެވެ.
"ޖަސްޓިން އަހަންނަށް ކަމެއް ކޮށްދޭން އެބަޖެހޭ." މޭޒު ކައިރީގައި އިށީންނަމުން އަހަރެން ބުނީމެވެ.
"އަހަރެން ބޭނުންވަނީ މި ސިޓީ މިސް އެލެރީ ލޭންއަށް ޑެލިވަރީ ކޮށްދިނުމަށް. އޭނާގެ އެެޑްރެސް މި އޮތީ."
ޖަސްޓިން، އެ ސިޓީ އުރައާ ޙަވާލުވަމުން ހިނިތުން ވެލިއެވެ. "ހަމަ މިހާރު މިދަނީ މީތި ހަވާލުކުރަން."
އަހަރެންގެ ވޮލެޓް ނަގާލުމަށްފަހު ޖަސްޓިންއަށް 50 ޑޮލަރު ދިނީމެވެ. "ޖަސްޓިން، ވަރަށް ބޮޑަށް ޝުކުރިއްޔާ! މިއީ ވަރަށް މުހިއްމު ކަމެއް."
"އަހަރެން މީތި ރައްދުކޮށްދޭނަން. ޝުުރިއްޔާ މިސްޓަރ ބުލެކް!" ޖަސްޓިން ހިނިތުންލަމުން ކޮޅަށް ތެދުވިއެވެ.
މިއީ ރަނގަޅު ޚިޔާލެއް ބާއޭ އަހަރެން ހިތަށް އެރިއެވެ. އަދި "އޭނާ މި ދައުވަތަށް އިޖާބަ ނުދީފިއްޔާ ހަދާނީ ކިހިނެތް؟" އަހަރެން އެނބުރި ޕެންޓް ހައުސްއަށް މިސްރާބު ޖެހީމެވެ.
(ނުނިމޭ…)
ދެވަނަ ބައި ކިޔާލަން: