11 ފެބުރުވަރީ 2026
ޑޮލަރުގެ މައްސަލަ ކުރިމަތިވީ ހައްދެއް ނެތި ފައިސާ ޗާޕުކުރުމުން: މާލީ ވަޒީރު، ފޮޓޯ: ރައީސް އޮފީސް

ޑޮލަރުގެ މައްސަލަ ކުރިމަތިވީ ހައްދެއް ނެތި ފައިސާ ޗާޕުކުރުމުން: މާލީ ވަޒީރު

ޑޮލަރުގެ މައްސަލަ މިއަދު ކުރިމަތިވެގެން މިއުޅެނީ ކޯވިޑަށްފަހު ކުރީ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމުންކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިފަދައިން ވިދާޅުވީ އިޤްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ ކޯވިޑުގެ ހާލަތަށްފަހު ނިމިދިޔަ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމުން ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވިކަމަށެވެ.

ޑޮލަރުގެ އާމްދަނީ ލިބޭ ދާއިރާތަކުން އިތުރަށް ޑޮލަރު ހޯދާނެ ގޮތްތައް ބައްލަވާނެ ކަމަށާއި ޤާނޫނަށް ނުވަތަ ޤަވާއިދަކަށް ގެންނަންޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް ޑޮލަރުގެ ރިޒާވް އިތުރުކުރައްވާނެކަން ވަޒީރު ޑރ. ޝަފީޤު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިފަދައިން ކަންތައްތައް ކުރުމުން ރިޒާވްގައި ޑޮލަރު ހުންނާނެ ބޭނުން ކުރެވޭގޮތަށް އޭރުން މިކަހަލަ ޝޮކެއް ޖެހުމުގެ ފުރުސަތު ކުޑަވާނެ، ސަރުކާރުންވެސް މިއަށްވުރެ ވިޖިލަންޓްވާނެ. މިކަހަލަ ކަމެއް ދިމާވުމުގެ ފުރުސަތު ކުޑަވާނެ" ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު ވަނީ ޖީއެސްޓީގެ ގާނޫނަށް އަންނަ އަހަރު އިސްލާހު ގެންނަން ނިންމަވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެކަން ކުރަނީ ޓޫރިޒަމް ދާއިރާއިން ބޭރަށްދާ ފައިސާ އަނބުރާ ހޯދުމުގެ ބޭނުމުގައިކަމަށްވެސް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. މިކަންކަން ކުރިމަތިވުމުގެ މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުމުންނެވެ.

މާލީ ވަޒީރު ވިދާޅުވީ އިޤްތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށާއި އެ މަސައްކަތަކީ ވަރަށް ރޭވުންތެރިކަމާއެކު ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ވަރަށް ގިނަ ސްޓޭކްހޯލްޑަރުންނާ ސަރުކާރުން މަޝްވަރާ ކުރަމުންގެންދަވާކަމަށާއި އެ މަސައްކަތުގެ ނަތީޖާ ފެންނާނެކަމަށެވެ.

ސަރުކާރުގެ ފިސިކަލް ސްޓްރެޓަޖީ އާއި ދަރަނީގެ ސިޔާސަތުތައް އެކުލަވާލާފައިވާކަން ފާހަގަކުރައްވާ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ އެންމެ އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތަކީ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށް ދުރާލާ ތައްޔާރުވުމުގެ މަސައްކަތް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކޯވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފައިސާ ޗާޕުކުރިއެވެ. އަދި ކޯވިޑަށްފަހު 2022 ވަނަ އަހާރާއި 2023 ވަނަ އަހަރު އިޤްތިޞާދު އަލުން އިއާދަވާން ފެށުމުންވެސް ފައިސާ ޗާޕުކުރިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު